އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީ އަށް ގެންނަ ބަދަލުގެ ތެރެއިން ސިނގިރޭޓުން ނަގާ ޑިއުޓީ 3 ރުފިޔާ ބޮޑުކުރަން ސަރުކާރުން މިއަދު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފިއެވެ.

2020 ވަނަ އަހަރުގެ ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުން 558 މިލިއަން ރުފިޔާ ދައުލަތަށް ލިބިގެންދާނެ ކަމަށް ލަފާކޮށްފައި ވާއިރު މި ބަޖެޓުގައި ބުނެފައި ވާގޮތުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2020 ވަނަ އަހަރު 3.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

އެންމެ ފަހުން ސިންގިރޭޓުން ނަގައި ޑިޔުޓީ ބޮޑުކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިން 2017 ވަނަ އަހަރު އެވެ. އެ ބަދަލާ އެކު ސިނގިރޭޓުގެ އަގު ވަނީ އުފުލިފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު 31 ވަނަ ދުވަހު، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދު ގެޒެޓް ކުރެވިފައި ވާއިރު މި ގަވާއިދުގައިވާ ގޮތުގެ މަތިން 31 ޖުލައި އިން ފެށިގެން ދުންފަތުގެ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަންގެ ބޭރުގައި ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ގޮތަށް ފޮޓޯ ޖެހި، ސިއްހަތުގެ އިންޒާރު ޖެހުން ވަނީ ލާޒިމް ކޮށްފައެވެ. އަދި ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯ ޖެހި، ސިއްހަތުގެ އިންޒާރު ނެތް ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކުން މަނާކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

އަދި މޭމަހުގެ 31 އިން ފެށިގެން ސިނގިރޭޓް ވިއްކޭ އެންމެ މަދު މިންވަރަކީ މަދުވެގެން 20 ސިނގިރޭޓް ހިމެނޭ ފޮށްޓެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފައެވެ. މީގެ އިތުރުން އީ ސިނިގިރެޓާ މެދު ހެލްތު މިނިސްޓްރީން މިހާރު ދިރާސާތައް ކުރަން ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ހުސްވި މަހު ވިދާޅުވެފައެވެ.