އަންނަ އަަހަރުގެ ބަޖެޓުގައި ދަރުމަވަންތަ ސްކޫލް އިމާރާތްކުރުމަށް 65 މިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ޖުމަލަކޮށް 4.4 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެތެރެއިން ރިކަރެންޓް ހަރަދަށް 3.7 ބިލިއަން ރުފިޔާ ކަނަޑައަޅާފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 617 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ކެޕިތަލް ހަރަދުގެ ގޮތުގައި 65 މިލިއަން ރުފިޔާ ދަރުމަވަންތަ ސްކޫލް އިމާރާތްކުރުމަށް ކަންޑައަޅާފައިވާއިރު ހުޅުމާލޭގައި އިމާރާތްކުރާ އާ ސްކޫލަށް 54 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެއ ިތުރުން 22 މިލިއަން ރުފިޔާ ސީއެޗްއެސްއީގެ 8 ބުރީގެ ކްލާސްރޫމްތައް އިމާރާތްކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި އަތޮޅުތެރޭގެ ތައުލީމީ އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް 330 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.
ދަރުމަވަންތަ ސްކޫލުގެ އަސްލު އިމާރާތް ގިނަ ދުވަސްވެ ބައުވުމުގެ މައްސަލަތައް ކުރިމަތިވާން ފެށީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ބައެއް ކްލާސްތަކުގެ ފާރުގައި ރެނދުލައި ކުދިން ބައިތިއްބަން އެކަށީގެން ނުވާތީ ކޮންމެވެސް ވަރެއްގެ މަރާމާތަކާއެކު 2015 ވަނަ އަހަރު ނިމެންދެން އެ ސްކޫލުގެ ދަރިވަރުން ހޭދަކުރީ އެ އިމާރާތުގައެވެ. އެހިސާބުން ވަގުތީ ގޮތުން ކުދިން ބަދަލު ކުރާނެތަނެއް ހޯދުމަށް މަސައްކަތް ފަށާ އޭރު ވެލާނާގޭ ދެކުނަށް ހުރި ހުސްބިމުގައި ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް ކުރެވުނެވެ.
ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުންދަނީ ވަގުތީ އިމާރާތެއްގައެވެ.