އަންނަ އަހަރު 20،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިނޭނސް މިނިސްތަރު އިބްރާހިމް އަމީރު ވިދާޅުވީ، އަންނަ އަހަރުގެ 20،000 ހައުސިންގް ޔުނިޓް އެޅުމަށް 600 މިލިއަން ރުފިޔާގެ އިކުއިޓީގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވީހާވެސް ގިނަ ސޯޝަލް ހައުސިންގް ޔުނިޓް އަޅައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅި 2020ގެ ބަޖެޓުގައި ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާތައް ދެވޭ ހިދިމަތަށް 3.1 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނނީ ކަނޑައަޅާފައެވެ. އޭގެތެރއިން 58 އިންސައްތައަށް ވާ 1.8 ބިލިއަން ރުފިޔާ އަކީ ރިކަރަންޓް ހަރަދެވެ. އަދި ބާކީ 42 އިންސައްތައަށް ވާ 1.3 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ. ކެޕިޓަލް ހަރަދުގެ ތެރއިން 600 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވަނީ 20،000 ހައުސިންގް ޔުނިޓަށް މަޝްރޫއުގެ އިކުއިޓީއަށް ވީއިރު، 359 މިލިއަން ރުފިޔާއަކީ އެކި ރަށްރަށުގައި ރތަރައްގީ ކުރެވޭ ހައުސިންގް ޔުނިޓްތަކަށް ހޭދަވާނެކަމަށް ކަނަޑައަޅާފައިވާ މިންވަރެވެ.

ގެދޮރު އިމާރާތްކުރަން ބޭނުންވާ ފައިސާ އަދި ހައުސިންގް ފައިނޭންސް ކުޑަ ރޭޓެއްގައި ފޯރުކޮށް ދެވޭނެ މަގު ތަނަވަސްކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދައިދީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެކެވެ.