ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާ، އެކަމަށް ކޮމިޓީއެއް އެކުލަވާލާފައެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައި މިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަވާ ގޮތަށް ކުރަހާފައި އޮތް ކުރެހުމެއްގައި އެ ފަރާތްތަކުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބާ ގްރޫޕެއްގައި ފޮނުއްވި މެސެޖެއް އާންމުވެފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ކުރެހުމުގައި 3 ނޮވެމްބަރު 1988 ގައި ލަންކާ ބަޔަކާ ގުޅިގެން ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަޣާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް ސޯލިހާއި ރައީސް ނަޝީދާއި އަދި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވެއެވެ. އަދި އެ ޗޭނު ހިފަހައްޓައިގެން ޝަހީދު ހުސައިން އާދަމް ހުންނެވި އިރު، އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" ލިޔެފައި އޮވެއެވެ.
ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައި ވާއިރު، ޖޭއެސްސީން ވަނީ މިދިޔަ ޖުލައި މަހު 31 ވަނަ ދުވަހު ވެސް ގާޒީ ހައިލަމާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާއެއް ބެލުމަށް ނިންމާފައިވާ ކަމަށް ބުނެފަވެ.