2020ގެ ބަޖެޓުގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން މާލެ އާއި ތިލަފުށި ދެމެދު ބްރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅައިފިއެވެ.

މާލެ-ތިލަފުށި ބްރިޖް އެޅުމަށް 411 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ބެޖެޓުގެ އިގްތިސާދާއި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދުތަކުގެ ދަށުންނެވެ. އެގޮތުން، އިގްތިސާދާއި ސިނާއީ ކުރިއެރުމަށް 7.9 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން ކެޕިޓަލް ހަރަދުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހަމަޖައްސާފައިވާ އިރު ރިކަރަންޓު ހަރަދުގެ ގޮތުގައި ހަމަ ޖައްސާފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2020ގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މާލޭގެ ޕޯޓަށް ބަދަލެއް ނައިސް އޮންނަތާ 30 އަހަރުވެފައިވާ ކަމަށާއި، އޭގެ ސަބަބުން މުދާ ބޭލުމަށާއި މުދާ ގުދަން ކުރުމަށް އަދި ވިޔަފާރި ކުރާ ތަންތަނަށް މުދާ ގެންދިޔުމުގައި ޒަމާނާ ނުކިއްސަރު ގޮންޖެހުންތަކެއް ވިޔަފާރިތަކަށް ދިމާވަމުން އަންނަ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އިގްތިސާދާއި ސިނާއީ ކުރިއެރުމަށް ކުރާ ހަރަދުތަކުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 853 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕްރިޕެއަރިން އައުޓާ އައިލެންޑް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 247 މިލިއަން ރުފިޔާ އަދި ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ނިޒާމެއް ގާއިމް ކުރުމަށް 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މި ދާއިރާގެ ދަށުން ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ދަށުން މާލެ ތިލަފުޑި ބްރިޖް އެޅުމަށް 411 ކަނޑައަޅާފައިވާއިރު، އެކި ރަށްތަކުގައި ބިން ހިއްކުމަށް 955 މިލިއަން ރުފިޔާ އަދި ގުޅިފަޅު ހިއްކުމާއި ފޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 247 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ އިތުުރުން އައްޑޫ ސިޓީގެ މަގު ހެދުމަށް 135 މިލިއަން ރުފިޔާ، މާލެ ސިޓީގެ މަގު ހެދުމަށް 79 މިލިއަން ރުފިޔާ އަދި ފުވައްމުލައް ސިޓީގެ މަގު ހެދުމަށް 61 މިލިއަން ރުފިޔާ މި ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.