2020 ވަނަ އަހަރު ސަރުކާރަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާ ކުރާ އިރު ޓެކްސްގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށާއި ޓެކްސް ނޫން ގޮތްގޮތަށް ލިބޭނެކަމަށް ލަފާ ކުރެވެނީ 6.9 ބިލިއަން ރުފިޔާ ކަމަށެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރު އާމްދަނިއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަންތައްތަކަށް ބައްލަވާލައްވަމުން އަމީރު ވިދާޅުވީ، އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރާނެކަމަށް ބެލެވޭތީއާއި ޑިއުޓީ ރޭޓްތަކަށް ގެނެވޭ ބަދަލުތަކާ އެކު އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. އަދި އިގްތިސޯދަށް އަންނަ ކުރިއެރުމާއި، ފަތުރުވެރިކަމުގެ ސިޔާއަތް ފުޅާވެ، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެކަމަށް ލަފާ ކުރެވޭތީ ބީޕީޓީ، ޖީޕީޓީ، ޖީއެސްޓީ އަދި އެއާޕޯޓް ސާވިސް ޗާޖް އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީއިން ލިބޭ އާމްދަނީއިންވެސް ކުރިއަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަންނަ އަހަރު އާ ރިސޯޓުތައް ހުޅުވޭނެތީ ރިސޯޓުތަކުން ލިބޭ ކުލިވެސް 2019 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވެގެން ދާނެ ަކަމށް ބެލެވެއެވެ. އަދި 2020ގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ކަނޑައަޅާފައިވާ އާ ކަންތަތަކުން ޖުމްލަ 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

މި ބަޖެޓަކީ ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޖުމްލަ ބަޖެޓު ނަންބަރުގެ ބަދަލުގައި ބަޖެޓު ބައިކުރެވޭ ގޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހުށަހަޅާ ފުރަތަމަ ފަހަރެވެ.