2020ގެ ބަޖެޓުގައި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް 4.1 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނަޑައަޅައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2020ގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސިއްހީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިފައި ވާއިރު ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައި ވަނީ 3541 މިލިއަން ރުފިޔާއެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދުގައި 5 ޓާޝައަރީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ އިތުރުން ސިއްހީ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މެޑިކަލް ކޮންސިއުމަބަލްސްގެ ގޮތުގައި 743.61 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު މުވައްޒަފުންނަށް ހިނގާނެ ހަރަދުގެ ގޮތުގައި ބަޖެޓުގައި ވަނީ 2124.6 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އަދި އެހެނިހެން ރިކަރަންޓް ހަރަދުގެ ގޮތުގައި 672.79 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ކެޕިޓަލް ހަރަދަށް 566 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 51 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށެވެ. 90 މިލިއަން ރުފިޔާ ގދ ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލަށް ހޭދަ ކުރުމަށް ކަނޑައަޅާފައިވާ އިރު 184 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ އެކި ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީކުރުމާއި ހިދުމަތް ފުޅާ ކުރުމަށް ބަދަލުތައް ގެނައުމަށެވެ.
2020ގެ ބަޖެޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތައް ފުރިހަމައަށް ހިމަނާ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރަން ލިބުނު ފުރަތަމަ ބަޖެޓުކަމުން މި ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެފަދަ އުސޫލުތަކެއްގެ މަތިން ޖަޒީރާ ދިރިއުޅުމަކަށް ބަޖެޓް ކޮށައިދޭ ބަޖެޓަކަށް ކަމަށެވެ.
މި ބަޖެޓަކީ ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޖުމްލަ ބަޖެޓު ނަންބަރުގެ ބަދަލުގައި ބަޖެޓު ބައިކުރެވޭ ގޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހުށަހަޅާ ފުރަތަމަ ފަހަރެވެ. އަދި ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުވުމަށް ހިލޭ އެހީގެ ގޮތުގައި މާލީގޮތުން ފައިސާ ދިނުމަށް ކަނޑައަޅައި ބަޖެޓުގައި ހުށަހަޅާ ފުރަތަމަ ފަހަރުވެސް މެއެވެ. އަދި މިއީ މިހާތަނަށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކަނޑައަޅާފައިވާ ފަހަރުވެސް މެއެވެ.