ރައްޔިތުންގެ އިތުބާރަކީ ސިފައިން ކަމަށާއި އެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރަން ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދިވެހި ހުރިހާ ސިފައިންނަށް އިލްތިމާސް ކުރައްވައިފިއެވެ.
31 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ދިފާއީ ބާރުން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ސިފައިންގެ ކޯޑް އޮފް އެތިކްސްއަށް ފުރިހަމައަށް އަމަލުކޮށް، އަސްކަރީ އަހުލާގުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެންކަމަށައި ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުންމަތީ ދެމިތިބުމަށްވެސް ދިވެހި ހުރިހާ ސިފައިންނަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ނޮވެންބަރު ތިނަކުން ލިބިގަންނަންވީ ފިލާވަޅަކީ، ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުރަންވީ ކަންކަން ދެނެގަނެ، އެފަދަ ކަމެއް ހިނގިޔަ ނުދިނުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަސްކަރީ އުދުވާނެއް ކަމަށްވިޔަސް، ގުދުރަތީ ކާރިސާއެއް ކަމަށްވިޔަސް، ގައުމާއި ރައްޔިތުން ދިފާއުކުރުމުގެ އެންމެ ކުރީ ސަފަށް، އެންމެ ފުރަތަމަ ނުކުންނަ ބަޔަކީ، ސިފައިންކަން ފާހަގަކުރައްވައި މިސަބަބަށްޓަކައި ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިއްބެވުމަށް ވެސް ހުރިހާ ސިފައިންނަށް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި އަސްކަރިއްޔާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރެވޭގޮތަށް ކަންކަން ބައްޓަންކުރެއްވުމަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި އަސްކަރިއްޔާގެ ގަބިލުކަން އިތުރުކުރުމަށް، ވަރަށް މުހިންމު ހަރުދަނާ ސިޔާސަތުތަކެއް މިހާރުވެސް ރޭވިފައިވާކަމަށާ އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް، އަމަލީ ގޮތުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހި ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށްޓަކައި، އަދި ދިވެހި އަސްކަރީ ޒުވާނުންގެ، އުނގެނުމަށާއި ފަންނީ ކުރިއެރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ އެންމެ ބުރަ މަސައްކަތްކުރާ ބަޔަކީ ކޯސްޓް ގާޑްގެ ސިފައިންކަން ފާހަގަކުރައްވައި ކަނޑުމަތީގެ ހާދިސާތަކުގައި، މީހުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ވެސް، ކޯސްޓް ގާޑުން އަދާކުރަނީ، ވަރަށް މުހިންމު ދައުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޯސްޓް ގާޑްގެ ވަސީލަތްތައް ފުރިހަމަކޮށް، ތަމްރީނާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއިން ދިވެހި ގައުމު ދިފާއުކުރުމުގައި ޖިހާދު ކުރައްވައި ޝަހީދުވެ ވަޑައިގެންނެވި ސިފައިންނާއި، މިއުދުވާނުގައި އާންމުންގެ ތެރެއިން ޝަހީދުވި ހުރިހާ ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދެންނެވިއެވެ. އަދި ހާއްސަގޮތެއްގައި އެ ދުވަހުގެ އުދުވާނު ނާކާމިޔާބު ކޮށްލުމުގައި މައި އައްޑަނައަކަށް ވެވަޑައިގެންނެވި ގައުމީ ބަތަލު، ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ދެންނެވިއެވެ.
ނޮވެންބަރު 3 ގެ ނުރައްކާތެރި އުދުވާނުން ދިވެހި ގައުމު ސަލާމަތްކުރުމުގައި، އޭރު އޭރުގަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި އެދުވަހު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށާއި އިންޑީޔާއަށް ވަނީ ޝުކުރު ދިވެހި ރައްޔިތުންނާއި ރައީސްގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރައްވަވާފައެވެ. އަދި ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި ފުރާނަ ސަލާމަތްކުރުމުގެ ރިހިމެޑަލް ހާސިލުކުރި 9 ސިފައިންނަށް ރިހި މެޑެލް ހަވާލުކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވަނީ ސިފައިންގެ ގައުމީ ލަވަ އަލްބަމް ވެސް ނެރެދެއްވާފައެވެ.