އިސްރާއީލުން ހިންގަމުންދާ އަޅުވެތިކުރުމުގެ ޖަރީމާގެ ވާހަކަތައް ހިމެނޭ ގޮތަށް ފަލަސްޠީނުގެ މަސްރަހުން އެންމެ ފުޅާދާއިރާއެއްގައި ބައިނަލްއަގުވާމީ މުޖުތަމައަށް ޚަބަރުތައް ގެނެސްދެމުންދާ ޤުދުސް ނިއުސް ނެޓްވާކްއާއި ގުޅިފައިވާ ޓްވިޓާ އެކައުންޓްތައް ސަސްޕެންޑްކޮށްފިއެވެ.
ޤުދުސް ނިއުސް ނެޓްވާކްގެ ޓްވިޓާ އެކައުންޓްތައް ފޮލޯ ކުރާ އެތައް ސަތޭކަ ހާސް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.
މިއީ ފަލަސްޠީނާ ގުޅިފައިވާ ސޯޝަލް މީޑިއާ އެކައުންޓްތައް ދާއިމީ ގޮތެއްގައި ޑިލީޓްކުރުމަށް ނުވަތަ ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ބަޔަކު ހިންގަމުންދާ ކެމްޕޭނަށް އެންމެ ފަހުން އިތުރުވި ބޮޅެވެ.
މިނިވަން އިދާރާއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ޤުދުސް ނިއުސް ނެޓްވާކްއާއި ގުޅިފައިވާ އެކައުންޓްތައް ސަސްޕެންޑްކޮށްފައި މިވަނީ މި އިދާރާގެ ވެބްސައިޓް ސެންސަރުކުރުމަށް ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) އިން މީގެ 2 ހަފުތާއެއްހާ ދުވަސްކުރިން ނިންމުމެއް ނިންމާފައިވަނިކޮށެވެ. ސައިބާކްރައިމް ގާނޫނާ ހިލާފުވާ ކަމުގެ ކުށުގައި ޕީއޭއިންވަނީ ޚަބަރު ފަތުރާ 50 ވެބްސައިޓްއަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.
އެކްޓިވިސްޓުން ބުނާ ގޮތުގައި މި ވެބްސައިޓްތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ޕީއޭގެ ލީޑަރު އަދި ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފާޑުކިއުންތައް އަމާޒުކުރަމުންދާތީއެވެ.
ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކުން ދަނީ ޤުދުސް ނިއުސް ނެޓްވާކްގެ އެކައުންޓްތައް ސަސްޕެންޑްކުރި ކުރުން ނިމުމަކަށް ގެނައުމަށް ޓްވިޓާއަށް ޑިމާންޑް ކުރަމުންނެވެ.