ގޭތެރެ މަސައްކަތް ކުރުވުމަށް އަޅުންގެ ގޮތުގައި މީހުން ވިއްކަމުންދިޔަ ސޯޝަލް މީޑިއާ އެކައުންޓްތަކެއްގެ ވެރި ފަރާތްތަކާ ސުވާލު ކުރަމުންދާ ކަމަށް ކުވައިތުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އަޅުންގެ ގޮތުގައި މީހުން ވިއްކާ ސޯޝަލް އެޕްލިކޭޝަންތަކެއް ފަޅާ އަރާފައިވަނީ ބީބީސީ ނިއުސް އެރަބިކްއިން ކުރިއަށް ގެންދިޔަ ތަހުގީގުތަކެއްގެ ތެރޭގައެވެ. މި އެޕްލިކޭޝަންތަކަކީ ގޫގްލްއާއި އެޕަލްއިން ހުއްދަ ދީފައިވާ އެޕްލިކޭޝަންތަކެއް ކަމަށާ، މި އެޕްލިކޭޝަންތަކުގެ ތެރޭގައި ފޭސްބުކް ކުންފުނީގެ ކުޑައިގެ ދަށުން މިހާރު ހިންގަމުންދާ އިންސްޓަގްރާމްވެސް ހިމެނޭ ކަމަށް ބީބީސީއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި އެޕްލިކޭޝަންތަކުގައި މުޅިންވެސް ވިއްކާފައިވަނީ އަންހެނުންނެވެ. އެގޮތުން މިމީހުން ވިއްކާފައިވަނ "މެއިޑްސް ފޮ ޓްރާންސްފާ" ނުވަތަ "މެއިޑްސް ފޮ ސޭލް" ފަދަ ހޭޝްޓެގްތައް ބޭނުންކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން ބުނީ މި އެކައުންޓްތަކުގައި ހުރި މިފަދަ އިސްތިހާރުތައް ޑައުން ކުރުމަށް އެ އެކައުންޓް ހިންގާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއްގައި ބައިވެރި ނުވުމަށް ބާރުދޭ އިގުރާރެއްގައިވެސް މިމީހުން ލައްވާ ސޮއިކުރުވާފައިވާނެކަމަށްވެސް ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.