ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ދައުރުވާ ފޭކް އީމެއިލްތަކަށް ސަމާލުވާން އަންގައިފިއެވެ.

މިކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ، ބައެއް ފަރާތްތަކަށް ރޫޓީން ސެކިއުރިޓީ ޗެކު ކުރުމުގެ ނަމުގައި ބަޔަކު 'ޕިޝިން އީމެއިލް' ނުވަތަ ސްކޭމް މެއިލް ފޮނުވަމުންދާ ކަމަށެވެ. 'އިންޓަނެޓް ބޭންކް އެކައުންޓު އޯތަންޓިކޭޓް' ކުރުމުގެ ނަމުގައި ފޮނުވާ މި އީމެއިލްގައި އެޓޭޗް ކޮށްފައިވާ ލިންކެއް އޮވެއެވެ. އެ ލިންކަށް ފިތާލުމުން، އިންޓްނެޓް ބޭންކް އެކައުންޓުން ލޮގިން ވުމަށް އަންގައެވެ.

އެގޮތަށް އޮންނަ ލޮގިން ފޯމުގައި ޔޫސާ އައިޑީ އަދި ޕާސްވޯޑު ޖެހުމާއެކު، އެމީހެއްގެ ހުރިހާ މައުލޫމާތެއް އެ މެއިލް ފޮނުވި ފަރާތަށް ލިބޭނެއެވެ.

ޕިޝިން އީމެއިލް ނުވަތަ ސްކޭމް އީމެއިލް އަކަށް ޖަވާބު ދީ ނުވަތަ އޮންނަ ލިންކް އަކަށް ފިތާލުމުގެ ކުރިން، އެ އީމެއިލް އައިސްފައި އޮތް ލިންކް ނުވަތަ އެޑްރެސް ބަލާލުން މުހިންމެވެ. އަދި އެޑްރެސް ފެންނަން ނެތް ނަމަ، އެފަދަ އީމެއިލްގައި އޮންނަ ލިންކަށް 'މައުސް އޯވާ' ކޮށްލީމައި، އެ ލިންކަކަށް ފިތާލުމާއެކު ހުޅުވޭނެ 'ޕޭޖް' އެނގޭނެއެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް، އެ ބޭންކުގެ ފަރާތުން މިފަދަ އީމެއިލްއެއް ނުފޮނުވާނެ ކަމަށް ބުނެ ޓްވީޓެއް ވެސް ކޮށްފައެވެ. އަދި އެފަދަ ޕިޝިން އީމެއިލްތަކަށް ޖަވާބު ނުދިނުމަށް ބޭންކުން އެދެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި ވެސް ބީއެމްއެލްގެ ނަމުގައި މިފަދަ އީމެއިލްތަކެއް ފޮނުވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި ބީއެމްއެލްގެ ނަމުގައި މީހުންނަށް ގުޅާ، އޮޅުވާލައިގެން ކޭޝް ކާޑުގެ މައުލޫމާތުތައް ހޯދުމާއި، ފައިސާ ހޯދުމް ފަދަ ކަންކަން ވެސް ބައެއް ފަރާތްތަކުން ކުރެއެވެ. މިހާރުވެސް ދޭތެރެ ދޭތެރެއިން ކޭޝް ކާޑުގެ މައުލޫމާތު ހޯދަން އެކި މީސްމީހުނަށް ގުޅާކަން ފާހަގަ ކުރެވެއެވެ. އަދި މިގޮތަށް ފޯނު ކުރާ ފަރާތަކީ ތަކުރާރުކޮށް އެކަން ކުރަމުން އަންނަ ފަރާތެއް ކަމާއި، އޭނާއާ ބެހޭ މައުލޫމާތާއި ނަންބަރު އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރި ނަމަވެސް ފުލުހުންނަށް އެމީހާ ހޯދިފައެއް ނުވެއެވެ.

ބީއެމްއެލުން ދަނީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށް ގިނަ ގުނަ މަސައްކަތްތައް ކުރަމުންނެވެ.