ރާއްޖެއަކީ މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަސައްވުރެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ބަނޑޮސް މޯލްޑިވްސްގައި ފެށި ކެޕިޓަލް މާކެޓް ފޯރަމް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިން އާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓްގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި ރާއްޖޭގައި ވިޔަފާރިތައް ފެށުމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ، އިތުރު ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓު ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން ނިޒާމު އޮތްކަމުގައި ވީނަމަވެސް ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބެންނެތްކަމުގައެވެ. އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކުރާ އުސޫލަށް ބަލާއިރު ރާއްޖޭގައި ވެސް މި މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކެޕިޓަލް މާކެޓްކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ފައްޓަވާފައިވާ ސްކީމްތައް، ކެޕިޓަލް މާކެޓު ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ފުޅާކުރުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖޭގެ އިގްތިސޯދުގެ މިހާރުގެ ހާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްގީ ކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިގްތިސޯދު މިއަށް ވުރެ މަތީ ހަރުފަތަކަށް ގެންދިޔުމަށް ވެސް ވަރަށް ބޭނުންތެރި ކަމެއްކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކަށް ވެސް، މާލީ ނިޒާމު ތައްޔާރުވެފައި އޮތުމަކީ، މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ރައީސް ސޯލިހް ވަނީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވެސް، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާއިރު، ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ތަރައްގީ ހާސިލްކުރަން ބޭނުންވަނީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި އެކަން ކުރެވޭނީ، ވަގުތީ ހައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ހައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަން ދީގެންކަމަށެވެ. އަދި މިއަދު ފެށި ފޯރަމުގެ ބައިވެރިންވެސް ފޯރަމްގައި މަޝްވަރާ ކުރައްވާއިރު އެކަމަށް ވިސްނުން ބެހެއްޓެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ރައީސް ސޯލިހަށް ހަނދާނީ ފިލައެއް އަރުވާފައިވާއިރު، ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކުރެވިފައިވާ 8 ކުންފުންޏަށް ދޭ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައި ވަނީ ރައީސް ސޯލިހެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ފެށި މި ފޯރަމަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމެވެ. ކެޕިޓަލް މާކެޓް ފޯރަމެއް ބޭއްވުމުގެ އެންމެ މުހިންމު މަގްސަދަކީ ރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ފައިސާ، ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމެވެ. މި ފޯރަމުގައި ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ކެޕިޓަލް މާކެޓްގައި ޝާމިލުވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ދާއިރާއާއި ގުޅުންހުރި ރާއްޖެއިން ބޭރުގެ މާހިރެއްގެ މަޝްވަރާތަކާ ހުށަހެޅުންތައް މި ފޯރުމުގައި ކުރިޔަށްދާނެއެވެ.