ދެކުނުގެ ހަތަރު އަތޮޅުގެ ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ “ދެކުނު މަހާސިންތާ” ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފައްޓަވައި ދެއްވައިފިއެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ފަސް އަތޮޅުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މަހާސިންތާ ބާއްވަނީ ގއ. ވިލިނގިލީގައެވެ. މިމަހާސިންތާ ކުރިއަށް ދާނީ އެއް ދުވަހުގެ ނިޔަލަށެވެ.
ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި މަހާސިންތާގެ ފުރަތަމަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސް ނަޝީދެވެ. މި ސެޝަންގައި ސަރަހައްދީ ގުޅުމާ ބެހޭގޮތުން ލ. އަތޮޅު ކައުންސިލުގެ ހުށަހެޅުންތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
މި މަހާސިންތާގެ ދެވެނަ ސެޝަން މޮޑަރޭޓް ކުރެއްވުމަށް ހަމަޖެހިފައިވާނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރިފާއަތު ރަޝީދެވެ. މި ސެޝަންގައި ޓޫރިޒަމްގެ ނަފާ އިތުރުކުރުމާއި ގުޅޭގޮތުން ގދ. އަތޮޅު ކައުންސިލްގެ ހުށަހެޅުންތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
ތިންވަނަ ސެޝަން މޮޑަރޭޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަސީރު އަލީއެވެ. މި ސެޝަންގައި ސަދަން ރީޖަނަލް އެލަޔަންސް އުފެއްދުމާއި ބެހޭގޮތުން އައްޑޫސިޓީ ހުށަހެޅުންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
މި ސެޝަންތަކުގައި އަތޮޅުތަކުން ހުށަހަޅާ ކަންކަން ފާސްކުރުމަށް ވަކިވަކިން ވޯޓަށް އެހުމަށް ހަމަޖައްސާފައި ވާއިރު މި މަހާސިންތާ ކުރިއަށް ގެންދަނީ މަޝްވަރާ ކުރާ ކަންކަމަށް ހައްލެއް ހޯދޭނެ ކަމުގެ އުއްމީދުގައެވެ.
މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާ، މި ބައްދަލުވުމުގައި ފަސް އަތޮޅުގެ އެކި ދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުން ހިމެނެއެވެ. މީގެއިތުރުން މިބައްދަލުވުން އޮބްޒާވް ކުރުމަށް ބައެއް ރަށު ކައުންސިލްތަކާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ބައިވެރިވާކަން ފާހަގަ ކުރެވެއެވެ.
މިފަދަ ބައްދަލުވުމެއް ފައްޓަވާފައި މި ވަނީ ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ ވަގުތެއްގައެވެ.