މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އާ މެދު ފިޔަވަޅު އެޅުން ލަސްވުމުން، އެކަން ކުރި ފަރާތްތަކަށް ހިތްވަރު ލިބިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއެންއާ މެދު ފިޔަވަޅު އެޅުން ލަސްވުމުން، އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ޑރ. ޖަމީލް ވިދާޅުވީ، ފިޔަވަޅު ނޭޅެންވީ ސަބަބެއް ނެތް ކަމަށާއި، ގާނޫނީ ކުށަކަށް ޒިންމާކުރުވުން ލަސްވުމުން މި ޒާތުގެ އަމަލުތައް ފެތުރުމުގެ ބިރު ބޮޑު ކަމަށެވެ. އަދި މިއީ ގައުމިއްޔަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ދީނަށް ފުރައްސާރަ ކުރާ މީހުންނާ މެދު ފިޔަވަޅު ނާޅާ، ދީން ދިފާއު ކުރުމަށް ނިކުންނަ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާ ކަމަށް ވިދާޅުވެ، ޑރ. ޖަމީލު ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ.

(އެމްޑީއެން)އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ގޮތަށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ އިސްވެރިންނާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައި، ބައެއް ފަރާތްތަކުން މުޒާހަރާވެސް ކުރަމުންދާ އިރު، އެ ޖަމިއްޔާގެ އިސްވެރިންގެ ފުރާނައަށް ގެއްލުން ދިނުމަށް ބައެއް މުޒާހަރާތަކުގައި ގޮވާލާފައިވެސް ވެއެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އެފަދަ އަމަލުތައް ނުކުރުމަށް ގޮވާލައި އިލްތިމާސް ކޮށްފައެވެ.