ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް، ވިލާތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުން ވަޑައިގެންނެވި ޚަބަރާއެކު، އިންޑިއާގެ ބައެއް ސިޔާސީ ލީޑަރުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ޖައްމުއާއި ކަޝްމީރަށް މިނިވަންކަން ލިބިދީފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ސަރަހައްދުގައި އިންޑިއާގެ މައި ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށިގެން އިންޑިއާގެ ސިޔާސީ ލީޑަރުންނަށްވެސް ކަޝްމީރަށް ވަނުމުގެ ފުރުސަތު ދީފައި ނުވާއިރު، ވިލާތުގެ މެމްބަރުންނަށް ކަޝްމީރަށް ވަދެވިފައިވާކަން ފާހަގަކޮށް، އިންޑިއާގެ ބައެއް ސީޔާސީ ލީޑަރުން ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.

މި ހަރަކާތަށް ފާޑުވިދާޅުވާ ބައެއް ލީޑަރުން ސިފަކުރައްވާ ގޮތުގައި މިއީ އިންޑިއާ މައި ސަރުކާރުން ޖެއްސެވި ޕީއާރް ސްޓަންޓެކެވެ.

އޯގަސްޓް މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޖައްމުއާއި ކަޝްމީރުގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށިފަހުން، ވިލާތުގެ ވަފުދު ނޫން އެހެން އެއްވެސް ބައިނަލްއަގުވާމީ ވަފުދަކަށްވެސް އެ ސަރަހައްދަށް އެތެރެވެވިފައެއް ނުވެއެވެ.

ކަންމިހެން އޮތް ނަމަވެސް ވިލާތުގެ ވަފުދަށް ކަޝްމީރު ތެރޭގައި ހަރަކާތްތެރިވެވުނީ އިންޑިއާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުން ވަކި އިމެއްގެ ތެރޭގައި ކަމަށް ހަބަރު ލިބެއެވެ.

27 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ވަފުދުގައި ހިމެނިވަޑައިގަތީ އިނގިރޭސިވިލާތް، ސްޕެއިން، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، އިޓަލީވިލާތް އަދި ޕޯލަންޑްގެ މެމްބަރުން ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ވާތު ފިޔައިގެ ފިކުރުގެ މެމްބަރުން ކަމަށް ވާއިރު، އިންޑިއާގެ ސިޔާސީ މުސްލިމު ލީޑަރުންވެސް ގެންދަވަނީ މި ދަތުރުފުޅާ ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ.