ދުނިޔޭގެ އިޖުތިމާއީ ވިއުގަ މިވަގުތު އޮތީ އިންތިހާއަށް "މުޑުދާރު" ހާލެއްގައި ކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގެ ވަޒަންވެރިންނަށް އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ "ވޯކް"ގެ ނަމުގައި ޗެލެންޖެއް ދޫކުރައްވާ، ގޮންޖައްސަވައިފިއެވެ.

ސޯޝަލް މީޑިއާގެ ވަޒަންވެރިންނަށް އޮބާމާ މި ޗެލެންޖު ދޫކޮށްލެއްވީ، ޝިކާގޯގައި ކުރިއަށްދިޔަ އޮބާމާ ފައުންޑޭޝަންގެ އަހަރީ ބައްދަލުވުމުގެ ތެރޭގައިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ، ސޯޝަލް މީޑިއާގައި އެކަކު އަނެކަކު ބަދުނާމުކޮށްގެން ހާސިލުވާނެ ބަދަލެއް ނޯންނާނެ ކަމަށެވެ.

"ވޯކް" ޗެލެންޖަކީ ސޯޝަލް މީޑިއާގައި އުޅޭއިރު ނަސްލީ އަދި އިޖުތިމާއީ ފަންތީގެ ތަފާތުކުރުންތަކާ އަދުލު އިންސާފާނުން އެއްކިބާވުން ފަދަ ކަންކަމަށް ސަމާލުވެ އެކަމުން ދުރުވެ ތިބުމުގެ އިތުރުން މުޖުތަމައުގައި ހިނގާ ކަންކަމަށް ލޯހުޅުވިފައި ތިބިމަށް ސޯޝަލް މީޑިއާގެ ވަޒަންވެރިންނަށް އޮތް ޗެލެންޖެކެވެ.

ބައްދަލުވުމުގެ ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އޮބާމާ ވިދާޅުވީ، ބަދަލެއް ގެނެވޭނީ އަނެކުންނަށް ފުރައްސާރަކޮށް ނޭދެވޭ ހާ ގޮތަކަށް އެމީހަކަށް ފާޑުކިޔައިގެން ކަމަށް ސޯޝަލް މީޑިއާގެ ބައެއް ވަޒަންވެރިންނަށް އަދިވެސް ގަބޫލުކުރެވިފައި އޮންނަ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ކަމެއް ކުރުމަށްފަހު އަމިއްލަ ނަފުސާ މެދު ފަހްރުވެރިވާ މީހުންވެސް މިހާރު އުޅޭކަން އޮބާމާ ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތް ނަމަވެސް މިއީ އެއްވެސް ކަމެއް ހާސިލުވާނެ މަގެއް ނޫންކަމަށާ، އެކަކު އަނެކަކަށް އޮއްގާ އުކައިގެން ކުރިއަރާ ނުދެވޭނެ ކަމަށްވެސް އޮބާމާ ވަނީ ވިދާޅުވެފައެވެ.

މިދަނޑިވަޅަކީ 2020 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ފަހުގެ ކެމްޕޭންތައް ކުރިއަށްދާ ދަނޑިވަޅުކަމުން، "ވޯކް" ކެމްޕޭނުގައި ގިނަ އަދަދެއްގެ ސިޔާސީ ޝަހްސުން ދަނީ ބައިވެރިވަމުންނެވެ.