ސިޔާސީ މެސެޖުތައް ލިބެންޖެހޭ ފަރާތްތަކަށް އެ މެސެޖުތައް ފޯރުކޮށްދިނުމަކީ ފައިސާ ދީފައި ގަނެގެން ކުރެވެން އޮންނަންވާނެ ކަމެއް ނޫންކަމަށާ، އެއީ އަމިއްލަ މަސައްކަތުން ލިބިގަންނަންޖެހޭ ކަމެއް ކަމަށް ބުނެ، ޓްވިޓާގައި ސިޔާސީ އިސްތިހާރު ކުރުން ހުއްޓުވާނެ ކަން އެ ކުންފުނީގެ ސީއީއޯ ޖެކް ޑޯސީ ހާމަކޮށްފިއެވެ.

ޑޯސީ ކުރި ޓްވީޓެއްގައި އޭނާ ބުނެފައިވަނީ، އިންޓެނެޓް މެދުވެރިކޮށް އިސްތިހާރު ކުރުމަކީ ވިޔަފާރީ ކުންފުނިތަކަށް މިއަދު އޮތް އެންމެ އާދަޔަށް ހިލާފަށް ބާރުގަދަ ރާސްތާ ކަމަށާ، މި ބާރަކީ ސިޔާސީ މަސްރަށް ނުރައްކާތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށެވެ.

ފޭސްބުކްގައި ސިޔާސީ އިސްތިހާރު ކުރުން ހުއްޓުވާ ކަމަށް ދެކެވުނު ވާހަކަތައް އެ ކުންފުނިން ވަނީ ދާދި ފަހުން ދޮގުކޮށްފައެވެ.

ޓްވިޓާގައި ސިޔާސީ އިސްތިހާރު ކުރުން ހުއްޓުވުމަށް އެ ކުންފުނިން މަސައްކަތްކުރަމުންދާ މި ދަނޑިވަޅަކީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅުކަމުން، އެގައުމުގެ ސިޔާސީ މަސްރަހުގައި ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ރިޔާސީ 2 ވަނަ ދައުރަކަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރައްވަމުންގެންދަވާ ކެމްޕޭންގެ މެނޭޖާ ބްރެޑް ޕާސްކޭލް ވިދާޅުވީ، މިއީ ޓްރަމްޕްގެ އަޑު ކަނޑާލުމަށް ބަޔަކު ގަސްތުގައި ކުރަމުންދާ ކަމެއް ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ސިޔާސީ އިދިކޮޅު ވާދަވެރިޔާ އަދި އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ރިޔާސީ ރޭހަށް ނިކުންނަވާނެ ކަމަށް ގިނަ ބަޔަކު ބުރަވާ ޖޯ ބައިޑްންގެ ކެމްޕޭންތަކާ ބެހޭ ތަރުޖަމާނު ބިލް ރޫސޯ ވިދާޅުވީ، ފައިސާދީގެން އިސްތިހާރު ކުރުމާ ޑިމޮކްރަސީގެ ނަޒާހާތްރެރިކަމަށް ބަލާއިރު، މާލީ ފައިދާއަކަށް އެއް ފަހަރު ނަމަވެސް ކުރި ނުލިބުނު ކަމީ ހިތްވަރު އާކޮށްދެނިވި ކަމެއް ކަމަށެވެ.

ކަންމިހެން އޮތްއިރު ފޭސްބުކްގެ ފިކުރު ތަފާތެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެންމެ ބިޔަ ސޯޝަލް ނެޓްވާކް ވިއުގާ ކަމުގައިވާ ފޭސްބުކްގެ ބާނީ މާކް ޒަކަބާގު ބުނީ، ސިޔާސީ މީހުންނާ ސިޔާސީ ހަބަރުތައް ސެންސަރު ކުރުމުގެ ހައްގެއް، ޕްރައިވެޓް ކުންފުންޏަކަށް ލިބިގެންވާކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ޓްވިޓާގައި ސިޔާސީ އިސްތިހާރު ކުރުން މަނާކުރަން ނިންމި ނިންމުން ތަންފީޒުކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މިކަމާ ބެހޭ އިތުރު ތަފްސީލުތައް އެކުންފުނިން ހާމަކުރާނީ ނޮވެމްބަރު މަހުގެ 15 ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.