ކުރީގެ ހައުސިންގް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިނަމާލެ ބްރިޖާ އިންވެގެން އޮންނަ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަން ފަށާފައިވާ ޕާކަކީ "ކޮރަޕްޝަން ޕާކް" ކަމަށެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ އަޑިޕާކުގައި ހަދާ ޕާކުގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައެވެ. މުއިއްޒު އެހެން ވިދާޅުވެފައި ވަނީ، އެ ޕާކުގައި ބިޑަކާ ނުލައި ފާހާނާ ބަރިއެއް ހެދުމާއި ލޮނުޒިޔާރަތްކޮޅުގެ އެޕާކާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން މިއަދު އޭސީސީން މާލޭ ސިޓީ ކައުންސިލަށް ވަދެފައި ވަނިކޮށެވެ.

ސަރުކާރުން ހިންގާ މިފަދަ ހުރިހާ މަޝްރޫ ތަކަކަށް މުއިއްޒު ގެންދަވަނީ ފާޑު ވިދާޅު ވަމުންނެވެ. މިގޮތުން ބިޑަކާ ނުލައި ގުޅީފަޅު ހިއްކަން ދިން މައްސަލައަށްވެސް ވަނީ ފާޑުވިދާޅުވެފައެވެ.

ލޮނުޒިޔާރަތްކޮޅު ޕާކުގެ މަސައްކަތް ކުރަމުން ދަނީ ކޮރަޕްޝަނެއްގެ ތެރެއިން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންވެސް ވަނީ ވިދާޅުފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީ ކައުންސިލް ގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ ހަދަމުންދާ ޕާކުގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށެވެ.

މާލޭ ސިޓީގެ މޭޔާ ޝިފާ މުހައްމަދު ވަނީ މި ވާހަކަތަށް ދޮގުކުރައްވައެވެ.