ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގައި އުޅެނީ ހަސްމުންގެ މައްސަލައެއް ނޫންކަމަށާއި ވަކީލެއްގެ ހައްގު ހަޖަމް ނުވުމުގެ މައްސަލައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައި ވަނީ، ފަނޑިޔާރު އާދަމް މުހައްމަދާ ބެހޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަމުންދާ ޝަކުވާގެ ތަހުގީގުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމައި ތަހުގީގު އަނެއްކާ ވެސް ފަސްކުރުމާ ގުޅިގެންނެވެ.

ޖަމީލު ވިދާޅުވެފައި ވަނީ، ޖޭއެސްސީ ވަނީ ސިޔާސީވެ ނިމިފައި ކަމަށާއި ގާނޫނުއަސާސީން ދީފައިވާ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގުވެސް ނުދިނުމުގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ އެއީ ވަކީލެއްގެ ހައްގު ހަޖަމްނުވުމުގެ މައްސަލައެއްކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. އަދި މިކަމާ ޖޭއެސްސީ ލަދުވެތި ވާންޖެހޭ ކަމަށާއި، ބަހެއް ވިދާޅުވުމުގެ ފުރުސަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ނުދެއްވާ އެކަމުގައި ބާރު އޮތްކަން ޖޭއެސްސީން ދައްކާލީ ކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ތަހުގީގު ކުރަން މިއަދު ބޭއްވި ޖޭއެސްސީގެ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ ޖޭއެސްސީ އިން އަރައިގަތީ އޭގެ އަސާސީ ހައްގަކަށް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އެމީހަކު ބޭނުންވާ ވަކީލެއް އައްޔަން ކޮށްގެން މައްސަލަތަކުގައި ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށެވެ. ފަނޑިޔާރުގެ އެ ވާހަކަތަކަށް ޖޭއެސްސީގެ އެއްވެސް މެންބަރަކު ސަމާލު ކަން ދެއްވާފައި ނުވާ ކަމަށާއި ފަނޑިޔާރުގެ ވާހަކަތައް އަޑުއައްސަވާފައިވެސް ނުވާކަމަށް އޭނާ ވިދާޅުވެއެވެ.

އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބާއްވައިދިނުމަށް ފަނޑިޔާރު އާދަމް މުހައްމަދު ވަނީ އެދިވަޑައިގެންފައެވެ. މިއަދުގެ އަޑުއެހުން ޓީވީން ލައިވް ކޮށްފައި ވީނަމަވެސް ފަނޑިޔާރު ދެއްކެވި ވާހަކަތައް ގެނެސްދީފައި ނުވާކަން ފާހަގަ ކުރެވެއެވެ. ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ދިނުމަށް ފަހު މާދަމާ އަލުން ތަހުގީގު ފަށަން ނިންމާ އިއުލާނުކޮށް ތަހުގީގު މަޖިލިސް ވަނީ ނިންމާލާފައެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އޭނާ ފަނޑިޔާރުކަމުން ވަނީ ވަކިކޮށްފައެވެ.