މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މާލެ ސިޓީ ކައުންސިލަށް ވަދެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން މިކަން ކަށަވަރު ކޮށްދެއްވަމުން ވިދާޅުވެފައިވަނީ، އޭސީސީ މެންބަރުން މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށާ، ލޮނުޒިޔާރަތް ކޮޅު ޕާކާ ގުޅޭ ލިޔެކިޔުންތަކާއި އެތާނގައި ހަދާ އިމާރާތާ ގުޅޭ ލިޔެކިޔުންތައް ހޯދަމުން ދާ ކަމަށެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާ ސުވާލު ކުރުމުން ވިދާޅުވީ އޭސީސީ މުވައްޒަފުން ސިޓީ ކައުންސިލްގައި އުޅޭކަން އޭނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ ބަޔަކު އައިސް އުޅޭ ކަމެއް، އަޅުގަނޑު މީނީ އޮފީހުގައި މިހާރުވެސް ޑެޕިއުޓީ ކައިރީގައި މީޓިން އެއްގައި، ނޭނގެ އޭސީސީ އުޅޭ ކަމެއް"
އެސްޖީ ޝަރީފު

އެސްޖީ އެހެން ވިދާޅުވި އިރު ސިޓީ ކައުންސިލްގައި ތިބި "ދަ ޕްރެސް' ގެ ނޫސްވެރިންނަށް އޭސީސީ މެންބަރުން ފެނިފައިވެއެވެ. އަދި އޭސީސީންވެސް ވަނީ، ސިޓީ ކައުންސިލްގައި ހަރަކާތްތެރިވާކަން ޔަގީންކޮށް ދީފައެވެ.

ލޮނުޒިޔާތްކޮޅު ޕާކު މައްސަލަ އޭސީސީން މިހާރު ބަލަމުން ދަނީ"
އޭސީސީ

މާލޭ ސިޓީ ކައުންސިލްގެ މައްޗަށް، ލޮނުޒިޔާރަތްކޮޅު ޕާކާ ގުޅިގެން ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ފެންމަތި ކުރެއްވީ އެ ކައުންސިލްގެ މެންމަރު މުހައްމަދު ފަޒީންއެވެ. އެ ޕާކުގައި ބިޑަކަށް ނުލައި ހަދަމުންދާ ފާހާނާ ބަރިއެއްގެ މައްސަލަ އޭނާ ފެންމަތި ކުރެއްވި އިރު "ދަ ޕްރެސް" އަށް ލިިބިފައިވާ ލިޔެކިޔުންތަކުންވެސް އެ މަސައްކަތް ކުރަނީ ބީލަމަށް ނުލައިކަން ކަށަވަރު ވެއެވެ.

އެތާނގައި ހަދަމުންދާ ފާހާނާ ބަރިއަކީ ނޮވެމްބަރު 11 އަށް އެ ޕާކު ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާތީ ހަދަމުންދާ ފާހާނާ ބަރިއެއްކަމަށްވެސް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.