ކައުންސިލް ހިންގުން ހުއްޓުމަކަށް ގެނައުމަށް 3 ކައުންސިލަރަކު ފެށުނީއްސުރެ މަސައްކަތް ކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލްގެ ބޮލުގައި ބޮޑެތި އިލްޒާމްތަށް އަޅުވާ ލިޔެކިޔުންތަށް ބަދަލު ކުރާ ވާހަކައާއި ވައްކަމުގެ އިލްޒާމުތައް އަޅުވަމުންދާތީ އެކަން ޝިފާ ކުށްވެރި ކުރެއްވިއެވެ. އަދި ކައުންސިލް ހިންގުން ހުއްޓުމަކަށް ގެނައުމަށް 3 ކައުންސިލަރަކު ފެށުނީއްސުރެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ، ޝިފާ ރަށުން ބޭރަށް ވަޑައިގެންނެވި ވަގުތު ބަލައި ކައުންސިލަރުން ނުކުމެވަޑައިގެން ކައުންސިލްގެ އަގުވައްޓާލުމަށް މަސައްކަތް ކުރަނީ ބަޔަކު ފަހަތުގައި ތިބެގެން ކަމަށް ޝިފާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ޝިފާ މިފަދައިން ވިދާޅުވެފައި ވަނީ އިއްޔެ ކައުންސިލް މެންބަރު މުހައްމަދު ފަޒީން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ފަޒީން ވަނީ ކައުންސިލުން ލާމަރުކަޒީ ގަނޫނުގެ 116 ވަނަ މާއްދާއާ ހިލާފަށް ކުއްލި ޖަލްސާއެއް ބޭއްވި މައްސަލަ ސިޓީއަކުން މަޖިލީހުގެ ރައީސަށް ހުށަހަޅުއްވާފައެވެ. ފަޒީން ވިދާޅުވީ އެ ކުއްލި ޖަލްސާ ބައްވާފައި ވަނީ ކައުންސިލް ބައެއް މެންބަރުންނަށް އެންގުމެއް ނެތި ކަމަށާއި ފުރަތަމަ ބޭއްވި ޖަލްސާގެ ކޯރަމް ހަމަނުވުމުން ބައެއް މެންބަރުންނަށް ގުޅައިގެން ކޯރަމް ހަމަކޮށްގެން ޖަލްސާ ބާއްވާފައި ވާ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުގެ ބައެއް މެންބަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކުގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ފަޒީން ވިދާޅުވެފައި ވަނީ ޕާކުގެ މަސައްކަތްތަކާ ގުޅޭގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ސުވާލު ކުރެއްވުމުން އެ ކަމަށް ބަޖެޓުން ހަރަދު ނުކުރާ ކަމަށް ކުރިން ވިދާޅުވެފައި ވީ ނަމަވެސް ފަހުން އެކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން އެކަމަށް 6 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އިތުރަށް 16 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝިފާ ވިދާޅުވި ކަމަށެވެ.

ކުރިން ވެސް ބައެއް ޑޮކިއުމެންޓްތައް ގެއްލުވާލައިފައިވާ ކަމަށް ވިދާޅުވަމުން ފަޒީން ވިދާޅުވީ، ބިޑް ޑޮކިއުމެންޓްތަކެއް މަދުވި މައްސަލައިގައި އިދާރީ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށާއި އޭރު އެކަންކަމާބެހޭ އިދާރާތަކަށް ހުށަނޭޅުއްވީ އެކަންކަން އިސްލާހު ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވުމުން ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަންކަން އިސްލާހު ކުރައްވާފައި ނުވާ ކަމަށް ވެސް ފަޒީން ފާހަގަކުރެއްވިއެވެ.

މާލެ ސީޓީގައި ކޮރަޕްޝަން ހިނގާ ކަމަށް ފަޒީން ތުހުމަތު ކުރައްވާފައި ވާއިރު ކޮރަޕްޝަނެެއްގެ ވާހަކަ ނޭނގޭނެ ކަމަށް ދޭހަވާ މޭރުމަކުން ޝިފަ ވަނީ ރައްދު ދެއްވާ ފައެވެ.

"ބިޑް ކޮމެޓީއާ ހަވާލު ކުރިކަމެއް އަދި އެވޯޑް ކުރިކަމެއް އިނގިފަކާވެސް ނެތް، ދެން ކޮން ކޮރަޕްޝަނެއްތޯ؟ ހަވާލު ކުރާނީވެސް ކޮމެޓީގެ ފަރާތުން ނޫންތޯ:"
ޝިފާ

މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މި ދަނޑިވަޅުގައި ޝިފާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ.