މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޓެމިލް ނާޑޫގައި ވަޅަކަށް ވެއްޓުނު ސުޖީތުގެ ޖަނާޒާ ބާއްވައިފިއެވެ. ސުޖިތު ވަޅުލާފައި ވަނީ މިއަދު ހެނދުނު ފަތިމާ ޕުދޫރުގައެވެ.
އެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރިވެފައިވާއިރު ބައިވެރިވި އެތައް ބަޔަކު ވަނީ ހިތާމަފާޅުކޮށްފައެވެ. ސުޖީތުގެ މަރު ވެގެން ދިޔައީ މުޅި ޓެމިލް ނާޑޫގެ އިތުރުން މުޅި އިންޑިއާއަށް ވެސް ސިހުން ގެނުވި ހަބަރަކަށެވެ. ސުޖިތުގެ މަރާއި އެކު މަޝްހޫރު އެތައް ބަޔަކު އަންނަނީ އެ ހިތާމާގައި ބައިވެރިވުމުގެ ގޮތުން އޭނާގެ އާއިލާއަށް ހަމްދަރުދީގެ މެސެޖުތައް ފޮނުވަމުންނެވެ. އޭގެތެރޭގައި އިންޑިއާގެ މަޝްހޫރު އެކްޓަރުންނާއި މަޝްހޫރު ޓީވީ ޕްރެޒެންޓަރުންވެސް ހިމެނެއެވެ. މީގެއިތުރުން ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރާއި ޗައިސް ޗީފް އޮފް މިނިސްޓަރު ވެސް ވަނީ މި ހާދިސާއާ ގުޅިގެން ސުޖިތުގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ހިތާމާގައި ބައިވެރިވެފައެވެ.
މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޓެމިލް ނާޑޫގައި ވަޅަކަށް ވެއްޓުނު ސުޖީތުގެ ފުރާނަ ނެތް މަސްގަނޑު ފެނުނީވެސް މިއަދުގެ ވަގުތެއްގައެވެ. ސުޖީތު ސަލާމަތް ކުރުމަށް ކުރިއަށް ގެންދިޔަ 82 ގަޑިއިރުގެ އޮޕަރޭޝަން ނިންމާލީ ކުނިވެފައިވާ ސުޖީތުގެ ހަށިގަނޑު ފެނުނު ހިސާބުންނެވެ.
އުމުރުން 2 އަހަރުގެ ސުޖީތު ވިލްސަން ބޯހޯލެއްގެ ތެރެއަށް ވެއްޓުނީ އޭނާގެ ގޭ ކައިރީގައި ކުޅެން އުޅެނިކޮށް، މިދިޔަ ހުކުރު ދުވަހުގެ އިރު އޮއްސެނިކޮށެވެ. އޭނާ ވަޅުތެރެއަށް ވެއްޓުނު ކަން އެނގިގެން ވާ ޖަހައިގެން ނަގަން އުޅުމުގެ ތެރޭގައި އޭނާ ވަނީ ކައްސާލައިގެން އަދި އެ ވަޅުގަނޑުގެ މާފުނަށް ވެއްޓިފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
އެެ ވަޅުގަނޑުގެ ފުން ކަމުން އެތަނަށް ފައިބައިގެން އެކުއްޖާ ސަލާމަތް ނުކުރެވޭނެތީ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްއިންއެ ވަޅުގަނޑު ކައިރިން އެހެން ވަޅުގަނޑެއް ކޮނެ ދެ ވަޅު ބިންގަރާހަކުން ގުޅުވައިގެން އެ ކުއްޖާ ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިނގަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއަދު ހެނދުނު ސުޖީތު ނެގުމަށް ރެސްކިއު އޮޕަރޭޝަން އެހިސާބަށް ދެވުނު އިރު އެ ކުއްޖާ ވަނީ މަރުވެފައެވެ.