ގައުމީ ދުވަހުގެ އަޒުމަކަށް ވާންވީ، އެކަކު އަނެކަކަށް ހެޔޮއެދޭ ސަމާހަތްތެރި މުޖްތަމައަކަށް ހެދުން ކަމުގައި ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހާ ގުޅިގެން މައުމޫން ވިދާޅުވީ، މި އުފާވެރި ގައުމީ ދުވަހަށް ކަނޑައަޅާ އަޒުމަކަށް ވާންވީ ދިވެހި މުޖުތަމައަކީ މިހާރަށްވުރެ އެކަކު އަނެކަކަށް އޯގާތެރިވާ އެކަކު އަނެކަކަށް ހެޔޮއެދޭ ސަމާހަތްތެރި މުޖްތަމައަކަށް ހެދުމުގެ އަޒުމް ކަމަށެވެ.

ގައުމީ ދުވަހާ ގުޅިގެން ދުވަހާ ގުޅުވައި ރައްޔިތުންގެ އަޒުމްއާ ބެހޭ ގޮތުން މައުމޫން ޓްވީޓް ކުރައްވާފައިވާއިރު ރޭ ދަރުބާރު ގޭގައި ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާއިން ރައީސް މައުމޫން ފެނިފައެއް ނުވެއެވެ. ސަރުކާރު ކޯލިޝަންގެ އިސް ހުރިހާ ލީޑަރުންގެ ތެރެއިން މައުމޫން ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަތީ ކީއްވެގެންތޯ ބެލުމަށް ސުވާލު ކުރުމުން އެމްއާރްއެމްގެ ސެކްރަޓަރީ ޖެނެރަލް އަބްދުލް އަލީމް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް މައުމޫން ގައުމީ ދުވަހުގެ ޖަލްސާއަށް ވަޑައިނުގަންނަވާ ކަމަށް މީގެ ދެ ދުވަސް ކުރިން ރައީސް އޮފީހަށް އަންގަވާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އަލީމް ވިދާޅުވީ، ރޭގެ ޖަލްސާ ރައީސް މައުމޫން "ބޮއިކޮޓް" ކުރެއްވީ ނޫން ކަމަށާއި، މި ދުވަސްކޮޅު މައުމޫން ގެއިން ބޭރަށް ނުކުމެވަޑައިގެން ނޫޅުއްވާ ކަމަށާއި ވަރަށް އަވަހަށް ބޭސްފަރުވާއަށް މެލޭޝިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ހިދުމަތްތެރި އެއް ވަޒީރުގެ މަގާމު ފުރުއްވި އުމަރު ޒާހިރު ވަނީ ރޭގެ ޖަލްސާ "ބޮއިކޮޓް" ކުރައްވާފައެވެ. ރަސްމީ ޖަލްސާތަކަށް ވަޑައިގަންނަވާ އުމަރު ޒާހިރު މިފަދައިން ޖަލްސާއެއް ބޮއިކޮޓް ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވީ ގައުމީ ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ "ބޮއިކޮޓް" ކުރައްވަން ނިންމެވީ އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައި ވާތީ ކަމަށެވެ.