އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އިހާނެތި ގޮތަކަށް މަރާލި ކަމަށް، އުމުރުން އެންމެ 13 އަހަރުގެ ގާތިލު އިއުތިރާފުވުމާއެކު މުޅި ޗައިނާ ސިއްސުވާލިއެވެ. އޭނާގެ އުމުރުގެ ހަގު ކަމާއެކު ގާތިލެއްގެ މައްޗަށް އިއްވާ އެންމެ ހަރުކަށި ހުކުމެއް އިއްވޭކަށް ނެތެވެ. ނަމަވެސް ހަމައެކަނި ކާއީ ގޮތުގައި ނަން ހާމަކޮށްފައިވާ ގާތިލަށް، ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ޗައިނާއިން މިހާރު ވަނީ ދީފައެވެ.

10 އަހަރުގެ އަންހެން ކުއްޖާ މަރާލިކަމަށް ކާއީ އެއްބަސްވީ މިމަހުގެ ކުރީކޮޅުއެވެ. މިމައްސަލާގައި ކާއީގެ މައްޗަށް ގާނޫނު އެންމެ ހަރުކަށި ހުކުމް އިއްވި ނަމަވެސް ޖަލުގައި އެންމެ ދުވަހެއްވެސް އޭނާ ހޭދަކުރާކަށް ނުޖެހެއެވެ. ޗައިނާގެ ގާނޫނުން ކާއީއަށް އިއްވެން އޮތް އެންމެ ހަރުކަށި އަދަބަކީ 3 އަހަރު ދުވަހުގެ ރީހެބިލިޓޭޝަން ޕްރޮގްރާމެއްހައި ބައިވެރިވުމަށް އޭނާގެ މައްޗަށް ލާޒިމުކުރުމެވެ.

ޗައިނާގެ ގާނޫނު އަސާސީ ބުނާ ގޮތުގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރަކީ 14 އަހަރެވެ.

ނަމަވެސް ކާއީގެ ޖަރީމާއާއިއެކު ޗައިނާގެ ގާނޫނު އިސްލާހު ކުރުމަށް ގިނަ ބަޔަކު ދަނޑި ޑިމާންޑް ކުރަމުންނެވެ.

ކާއީވަނީ އުމުރުން 10 އަހަރުގެ އަންހެން ކުއްޖާ ހައްދައިގެން ކާއީގެ ގެއަށް ގެންގޮސް އޭނާއަށް ޖިންސީ ގޯނާކޮށް ޖިސްމާނީ އަނިޔާތަކެއްދީފައެވެ. އެއަށްފަހު އަންހެން ކުއްޖާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު އެއްލާވެސްލިއެވެ.

ޚަބަރު ލިބޭ ގޮތުގައި އަންހެން ކުއްޖާގެ ބެލެނިވެރިން ދަނީ ކާއީއަށް މިހާރަށްވުރެ ހަރުކަށި އަދަބެއް ދިނުމަށް ގާނޫނީ އިމުގެ ތެރެއިން ފުރުސަތު އޮތްތޯ ބެލުމަށް ވަކީލުންނާއެކު މަސައްކަތް ކުރަމުންނެވެ.