އޭރު ދެލޯ މަރައިގެން ތިބި ބަޔަކު މިއަދު އުވާލައި (އެމްޑީއެން) ފިޔަވަޅު އަޅަން ގޮވާލުމުން، އެ ފަރާތްތަކުގެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނޭދެވޭ ކަންކަން މީގެ އަހަރުތަކެއްގެ ކުރިން ފެށިފައިވާކަން ފާހަގަކުރައްވައި، މިކަންކަމާ ދެކޮޅަށް މިހާރު ޝުއޫރު ފާޅުކުރައްވާ ބައެއް ސިޔާސީ ފަރާތްތަކަށް ރައީސް ވަނީ މެސެޖެއް ދެއްވާފައެވެ. އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިހްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ހަގީގަތުގައިވެސް، އިހުލާސްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަންޖެހޭ ކަމަށާއި މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އޭރު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދެލޯ މަރާލައިގެން ތިއްބެވި ސިޔާސީ ބޭފުޅުން، މިއަދު ފިޔަވަޅު އަޅަން ގޮވާލައި އިހްތިޖާޖް ކުރަން ފެށްޓެވުމުން، މިއީ ހަގީގަތުގައިވެސް، އިހުލާސްތެރިކަމެއް ހުރެގެން އުފުލާ އަޑުތަކެއްތޯ ސުވާލުކޮށްލަންޖެހޭ. މިއީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނާލަންޖެހޭ ކަމެއް."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިތުރަށް ވިދަޅުވީ، އުފާވެރި ކަމާ އެކު ހަމަޖެހިލައިގެން ދިރިއުޅުމަކީ ދިވެހިންނަށް ނެތް ހައްގެއް ތޯއެވެ. އަދި މިއަދު ދުވަސްކޮޅަކަށް ނަމަވެސް، ރައްޔިތުން ހަމަޖެހިލައިގެން އުޅެން ފުރުސަތު ދެއްވާކަށް ނުވޭތޯ، ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ އަރިހުން އައްސަވާލަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ބައެއް މީހުން މިނިވަންކަމުގެ ނަމުގައި، ދިވެހިންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ، އިސްލާމް ދީނަށާއި، ރަސޫލާއަށް ކުޑައިމީސްވާ ގޮތަށް، ކަނޑައެޅިގެން ބަސް ބުނަމުން ދާކަން ފާހަގަކުރެއްވިއެވެ. އަދި ދީނީ މިނިވަންކަން ނެތުމަކީ، އިންސާނީ ހައްގަކުން މަހުރޫމް ކުރުން ކަމުގައި އެފަދަ ފަރާތްތަކުން ބުނަމުން ދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ އަނެއް ބަޔަކު ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ގޮސް، ހަރުކަށި ފިކުރަށް މީހުންގެ ވިސްނުން ބަދަލުކުރަމުން ދާކަމަށާ އަދި ދިވެހިންގެ ޒަމާންވީ އާދަކާދަ އާއި ސަގާފަތާ ބީރައްޓެހި ގޮތްތައް އާންމު ދިރިއުޅުމުގެ ތެރެއަށް ވެސް އެފަރާތްތަކުން ވައްދަމުން އަންނަކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދީނުގެ ދިފާއުގައި ކަމަށް ބުނެ، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވެ، އަމިއްލައަށް މަރުވުމާއި، އެއް ދިވެއްސަކު އަނެއް ދިވެއްސެއްގެ ލޭ އޮހޮރުވައި، އާއިލާތައް ބިކަކުރުން ފަދަ ކަންކަމަށް އެންމެން އެއް އަޑަކުން، ނޫނެކޭ ބުނަން ޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުން

މީގެ އިތުރުން ރައީސް ގެ ވާހަކަފުޅުގައި ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވައި އިސްލާމީ އަގީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާ ފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވުމަށް ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންގެ ކިބައިން އެމަނިކުފާނު ރޭ އެދިވަޑައިގެންނެވިއެވެ.

މިހާރުގެ ގާނޫނު އަސާސީއާއެކު ރާއްޖޭގައި ކުރިން ހިފެހެއްޓިފައިހުރި ބައެއް މިނިވަންކަން ލިބިފައިވާކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން އެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދިއުމުގެ ނުރަނގަޅު އަސަރު ދިވެހި ގައުމިއްޔަތަށާއި، އަދި އާންމު ދިރިއުޅުމަށް ވެސް މިހާރު ފޯރާފައިވާކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ރައީށްގެ ދެކަނަބަލުންނާއި ހޯމް މިނިސްޓަރު / ފޮޓޯ: ރައީސް އޮފީސް

ދުނިޔެއަށް ފެތުރުނު ސިޔާސީ އަޅުވެތިކަމާއި އިސްތިއުމާރީ އޮއިވަރުގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަންވެސް އެތައް ފަހަރަކު ގެއްލިގެން ދިޔަކަން ފާހަގަކުރައްވައި ގައުމެއްގެ މިނިވަންކަން ގެއްލެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެބައެއްގެ ގައުމިއްޔަތަށް އަރާ ލޮޅުންތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، ރަސޫލާއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ސަރުކާރުން ނުދެއްވާނެކަމަށެވެ. ހަމައެފަދައިން އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، ބިރުވެރިކަން އުފައްދައި، މީހުން މެރުމަށް ގޮވައި، ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްވެސް، ސަރުކާރުން ފުރުސަތު ނުދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.