ޖަޕާނުގެ އާ އެމްޕެރާ ރަސްމީގޮތުން ތަހުތަށް އިސްކުރެއްވުމުގެ އިފްތިތާހުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. މިގޮތުން އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއެކު ބައްދަލުކުރެއްވުމާއި ޖަޕާނުގެ މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރަށް ރައީސް ޒިޔާރަތް ކުރައްވުން ފާހަގަ ކޮށްލެވެއެވެ.

ދެ ގައުމުގެ ރަސްމީ ވާހަކަތަށް ކުރިއަށް ދިޔަ މި ބައްދަލު ވުމުގައި ދެގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމާއި ބެހޭގޮތުންނާއި ދެގައުމުގެ މިގުޅުން ކުރިމަގުގައި އެކިދާއިރާތަކުން އިތުރަށް ބަދަހި ކުރުމާއިބެހޭގޮތުން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ސޯލިހް ޖަޕާނަށް ކުރެއްވި މި ތާރީހީ ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ، ދިވެހި އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އެގައުމުތަކުގައި ރަނގަޅުފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުތަނަވަސްކޮށްދެއްވުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައިވެއެވެ.

ރާއްޖެއާ ޖަޕާނުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމަކީ ފާހަގަކޮށްލެވޭ ބަދަހި ގުޅުމަކަށް ވީއިރު މިގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްގީއަށް އެކިރޮނގުތަކުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އެއް ގައުމަކީ ޖަޕާނެވެ. އެގޮތުން އުމްރާނީ ތަރައްގީގެ މުހިއްމު ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ދީލަތި އެހީތަކެއް ވެދީފައިވާއިރު އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ތައުލީމީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާނުގެ އެހީގައި ހިންގާފައިވާ އެކި މަޝްރޫތައް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާފައިވާ ކާމިޔާބު ބިޔަ ބޮޑެތި މަޝްރޫތަކުގެ އިތުރުން ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގެ ތަރައްގީގައި ބޮޑު ދައުރެއް އަދާކޮށްފައިވާކަމީ ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރާއްޖޭގައި ޖަޕާނުގެ ގިނަ މަޝްރޫތަކެއް ކާމިޔާބުކަމާއެކު ކުރިޔަށްގެންދާތާ އެތައް އަހަރެއްވެފައިވާ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ރައީސް ސިނީޗީ ކިޓައޯކާއާ ބައްދަލު ކުރައްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ޖައިކާއިން ރާއްޖޭގައި ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ޖަޕާނުން ވެދީފައިވާ އެހީތެރިކަމަކީ، ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ލިސްޓަށް އެރުމަށް ރާއްޖެއަށް މަގުފަހިވެގެންދިޔަ މުހިންމު އެހީތަކެއްކަމުގައި ވާއިރު ޖަޕާނުން ރާއްޖެއަށް ވެދީފައިވާ މިއެހީތެރިކަމަކީ ދިވެހިން ޝުކުރުވެރިކަމާއެކު ބަލައިގެންފައިވާ ކަމެކެވެ. އަދި ދިވެހި މުޅި މުޖުތަމައު ޝާމިލުވާ ގޮތަށް ޖަޕާނުން ވެދީފައިވާ މި އެހީތަކުގެ ސަބަބުން ރަށު ފެންވަރުގައާއި ފަރުދީ ފެންވަރުގައި ވެސް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް ހާއްސަ ގުޅުމެއް އުފެދިފައިވާކަން ފާހަގަކޮށްލެވެއެވެ.