ރާއްޖޭގެ މަސްވެރިކަމުގެ މުސްތަގުބަލު އުޖާލާކުރުމަށް މަސްވެރިކަމަށް ރޮބޮޓެއް އީޖާދު ކުރެވިދާނެ ކަމަށް ޕްރޮފެސާ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް މިފަދައިން ވިދާޅުވެ ލަފާ ދެއްވާފައި ވަނީ. ގ. އަތޮޅު ކައުންސިލަރު ހުސައިން އާދަމް ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ހުސައިން ވަނީ، ދިރޭ އެމާ ނުލައި މަސްވެރިކަން ކުރެވިދާނެ ކަމާމެދު ސުވާލު އުފައްދަވާފައެވެ. އަދި މަސްވެރިކަން "އޮޓޯމޭޓް" ކުރެވިދާނެތޯ އައްސަވާ ހުސައިން އާދަމް ވިދާޅުވީ ދުނިޔޭގައި އެފަދަ ކަންކަން ކުރެވޭނެ ޓެކްނޮލޮޖީ މިހާރު އެބަހުރި ކަމަށެވެ.

މި ވާހަކަތަކަށް ތާއީދު ކުރައްވަމުން އުގައިލް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ މުސްތަގުބަލް އުޖާލާ ކުރުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ ވަރަށް ވެސް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެންވެެރިކަމަށް މިހާރު ހުރި ގޮންޖެހުންތައް ހައްލު ކުރެވިދާނެ ކަމަށް އުގައިލު ވިދާޅުވިއެވެ. އަދި އެކަމަށް މިސާލު ޖައްސަވަމުން އުގައިލު ވިދާޅުވީ، މަސް ބާނަން "ރޮބޮޓެއް" ވެސް ދިވެހި މަސްވެރިންނަށް އީޖާދު ކުރެވިދާނެ ކަމަށެވެ.

ސައިންސާއި ޓެކްނޮލޮޖީއަށް ބަލާއިރު މިހާރު ދިވެހިންގެ ތެރޭގައިވެސް ތަފާތު އެކި ވައްތަރުގެ އެއްޗެތި އީޖާދުކުރުމަށް ލޯބި ކުރާ އަދި އެފަދަ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުން ތިބި ކަން ފާހަގަކޮށްލެވެއެވެ. ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ޒާމާނީ ޓެކްނޮލޮޖީއަށް އާ އިޖާދު ކުރާ ޒުވާނުންވެސް މަދުން ނަމަވެސް ފެންނަކަން ފާހަގަކޮށްލެވެއެވެ.

އީޖާދީ ޓެކްނޮލޮޖީގެ ދުނިޔެއަށް ބަލާލާއިރު، މަސްވެރިކަމުގައި މަސްވެރިންނަށް އެހީތެރި އަތެއް ފޯރު ކޮށްދިނުމަށް މަޑިއެއްގެ ބައްޓަމަށް އީޖާދުކޮށްފައިވާ "ދަ ޕަވާ-ރޭ" އަކީ ފާހަގަ ކޮށްލެވޭ ރޮބޮޓެކެވެ. މިއީ 30 މީޓަރު އަޑިއަށް ފީނާ ރޮބޮޓެކެވެ. އައިއޯއެސް ނުވަތަ އެންޑްރޮއިޑް އެޕްލިކޭޝަނެއް މެދުވެރިކޮށް ވައިފައިގެ ޒަރީއާއިން ކޮންޓްރޯލް ކުރެވޭ ރޮބޮޓެކެވެ. އަދި އެ ރޮބޮޓުގައި ހަރުކޮށްފައިވާ ކެމެރާއިން ކަނޑުގެ 3 މީޓަރުގެ އަޑިއަށް ފީނައި މަސްއުޅޭ ސަރަހައްދު މަސްވެރިންނަށް ދައްކައިދެއެވެ. 30 މީޓަރު އަޑިއަށް މި ރޮބޮޓަށް ފީނުނު ކަމުގައި ވިޔަސް، 40 މީޓަރު އަޑީގައި ތިބޭ މަސްތައް އޭގައި ހަރުކޮށްފައިވާ ކެމެރާއިން ފެނާނެއެވެ.