ވަޒީރެއްގެ މައްޗަށް ތުހުމަތު ކުރެވުނީމައި ލަސްނުކޮށް ސުވާލުކޮށް، ތަހުގީގު ކުރަންޖެހޭ ކަމަށް މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ވަޒީރެއްގެ މައްޗަށް ތުހުމަތެއް ކުރެވިއްޖެ ނަމަ އަވަހަށް ތަހުގީގު ކުރުމަށް ގޮވާލައްވަމުން މަހްލޫފް ވިދާޅުވީ، ގޯހެއް ވާ ނަމަ ނަމަ ލަސްނުކޮށް، ފިޔަވަޅު އާޅާ ދައުވާ ކުރަން ޖެހޭ ކަމަށެވެ. އަދި "ވަގު" ސަރުކާރެއް ދިފާއުނުކުރަން ފާޅުގައި އެވާހަކަ ދެއްކެވި ފުރަތަމަ ބޭފުޅަކީ އޭނާ ކަމަށާއި ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ޖެހޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރުގެ 3 ވަޒީރަކު ވެސް ހިމެނޭ ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.

ޢެމްއެމްޕީއާރުސީ ހިޔާނާތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރުންނާއި، 18 ވަނަ މަޖިލީހުގެ 44 މެންބަރުން، 8 ފަނޑިޔާރުންގެ އިތުރުން ސަރުކާރުގައި ތިއްބެވި ވެރިންގެ ފެންވަރުގެ 7 ބޭފުޅަކަށް ވެސް ފައިދާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފްއަށް މި ހިޔާނާތުން މަންފާ ލިބުނު ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.