މަޝްހޫރު މިއުޒިކް ބޭންޑް "ނިރްވާނާ"ގެ ގިޓަރިސްޓް އަދި ފްރަންޓް މޭން ކާޓް ކޮބެއިންއަށް ހާއްސަ، ޒައިތޫނި-ފެހި ކުލައިގެ ކާޑިގަން، 334000 ޑޮލަރަށް ވިއްކާލައިފިއެވެ.

2 ދެދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިއުޒިކީ ނީލަމެއްގައި ވިއްކާލި މި ކާޑިގަންއަކީ، 1993 ވަނަ އަހަރުގެ "އެމްޓީވީ އަންޕްލަގްޑް" ކޮންސެޓުގައި ކާޓް ކޮބެއިން ބޭނުންކުރި އެއްޗެކެވެ. މި ކޮންސެޓަކާ ކާޓް ކޮބެއިންއާއި ނިރްވާނާގެ ފޭނުން ގަބޫލު ކުރާ ގޮތުގައި އެންމެ ކާމިޔާބު އެއް ހުށަހެޅުމެވެ.

މަޝްހޫރު ރޮކް މިއުޒިކް "ނިރްވާނާ"ގެ ފްރަންޓް މޭން ކާޓް ކޮބެއިން ޒައިތޫނި-ފެހި ކުލައިގެ ކާޑިގަން ނީލަން ކިޔަނީ/ފޮޓޯ: ބްލޫމްބާގް

ކޮންސެޓް ބޭނުންކުރި ފަހުން އެންމެ ފަހަރަކުވެސް ދޮވެ ސާފުކޮށް ނުވާ މި ކާޑިގަން ނުވަތަ ޖެކެޓް، 3 ލައްކަ ޑޮލަރަށްވުރެ ބޮޑު އަގެއްގައި ވިއްކާލާފައިވާއިރު، މިއީ ނީލަމެއްގައި މިހާ ބޮޑު އަގެއްގައި ވިއްކާލި ސުވެޓަރުގެ ރެކޯޑް އޮތް ކާޑިގަން ކަމަށް މައުލޫމާތު ލިބެއެވެ.

ކާޓް ކޮބެއިންއަކީ ރޮކް މިއުޒިކުގެ ދުނިޔޭގައި ގިނަ ބަޔަކު ގަބޫލުކުރާ އެންމެ ވަރުގަދަ ލެޖަންޑެވެ. "ސްމެލްސް ލައިކް ޓީން ސްޕިރިޓް" އާއި "ހާޓް-ޝޭޕްޑް ބޮކްސް" ފަދަ ލަވަތަކުން ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދި ކާޓް ކޮބެއިން މި ދުނިޔެއާއި ވަކިވީ 1994 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.