ހުރިހާ ގޮތަކުން ކިތަންމެ މޮޅު އަދި މަގުބޫލު އެކްޓަރަކަށްވެސް ހިތުން ނުފިލާ ވަރުގެ ފާޑުކިއުމެއް އަމާޒުވެދާނެއެވެ. އެފަދަ ހާދިސާއެއް ދާދިފަހުން މިވަނީ ހިނގާފައެވެ. ޖާން ޔަމާންއަކީ މިއަދު ދިވެހި ޒުވާނުންނަށް އާ ނަމަކަށް ނުވާނެއެވެ. ތުރުކީވިލާތުގެ ޓީވީ ސީރީޒްތަކުން ދިވެހިންގެ ރާޑަރަށް އެރި ޖާން ޔަމާންއަށް މިވަނީ މިފަދަ ކަމަކާ ކުރިމަތިވެފައެވެ.
ހިތުން ނުފިލާ ވަރުގެ ފާޑުކިއުމަކާ ކުރިމަތިލާންޖެހުނުކަން ހާމަވީ ޖާން ޔަމާން ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓްގައި އޭނާ ބުނެފައިވަނީ، އޭނާއަކީ އުޅޭ މީހެއްކަން ނުދަން ބަޔަކުވެސް ތިބިކަމަށެވެ. މިކަން އޭނާއަށް ކުރިމަތިވީ އެކުގައި މަސައްކަތްކުރަންޖެހުނު މީހެއްގެ ފަރާތުން ކަމަށާ، "ޖާން ޔަމާން"އަކީ ހަގީގަތުގައިވެސް އުޅޭ މީހެއްކަން މީގެ ކުރިން އެމީހާއަށް ނޭނގޭ ކަމަށް އެމީހަކު ބުނި ކަމަށް ޖާން ޔަމާންގެ ޕޯސްޓްގައި ވަނީ ބުނެފައެވެ.
މި ފާޑުކިއުމަކީ ޖާން ޔަމާން ސަމާސާ ރޫހެއްގައި އާންމުކުރި ފާޑުކިއުމަކަށް ވީ ނަމަވެސް، ހިތާޖާނުން ޖާން ޔަމާންއަށް ޖާގަ ހުސްކޮށްގެން ތިބި އޭނާގެ ބައެއް ފޭނުންނަށް މިކަން ހަޖަމެއް ނުވިއެވެ. ޖާން ޔަމާންއަކީ އުޅޭ މީހެއްކަންވެސް ނުދަންނަ މީހުން ތުރުކީގައި ތިބިއިރު އެއީ އެ ގައުމަށް ލިބުނު ބޮޑު ދެރައެއް ކަމަށް ބައެއް މީހުން ބުނިއިރު، އެމީހުންނަށް އެކަން ވިސްނޭނެ ކަމަށް އުއްމީދުކުރާކަމަށް ސްޕެއިންގައި ހުރި ޖާން ޔަމާންގެ ސަޕޯޓަރަކު ވަނީ ބުނެފައެވެ.
ތަފާތު އެކި ސްޓްރީމިންގް ހިދުމަތްތަކާ، ޔޫޓިއުބް ފަދަ ވިޑީއޯ ހިއްސާކުރެވޭ ސައިޓްތަކުން ފަސޭހަކަމާއެކު ބަލާލެވޭ ސީރީޒްތަކަކަށް ތުރުކީވިލާތުގެ އުއްފެއްދުންތައް ވެގެންދިއުމާއެކު ދިވެހި ޒުވާން އަންހެންވެރިންގެ ހިތްތައް ފަތަހަ ކުރި އެކަކީ ތުރުކީވިލާތުގެ ސްކްރީންތަކުން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުވާލި ޒުވާން ބަތޮލް ޖާން ޔަމާންއެވެ.
ކުރިއަށް މިއޮތީ ޖާން ޔަމާންއަށް 30 އަހަރު ފުރޭ އުފަން ދުވަހުގެ މުނާސަބާ ކަމުން، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ވަރުގަދަ ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވެއެވެ.