ސްކޮޓްލަންޑްގެ އާއިލާއަކުން ޗުއްޓީ ހޭދަކޮށްލުމަށް ކުރި ދަތުރުވެގެން ދިޔައީ އެ އާއިލާގެ އަންހެން މެމްބަރެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކޮށިގެން ދިޔަ މަގަކަށެވެ.

ކެމެރާ އޮބްސްކޫރާ އެންޑް ވާލްޑް އޮފް އިލޫޝަންސްގައި އޭނާގެ އާއިލާއާއިއެކު ތާމަލް ކެމެރާ، ނުބަތަ ހަށިގަނޑުގެ ފިނިހޫނު މިން އަންގައިދޭ ކެމެރާގެ ކުރިމަތީގައި ހުއްޓި ތިބެގެން ނެގި ފޮޓޯގަނޑު ވެގެންދިޔައީ، އުމުރުން 41 އަހަރުގެ ބޮލް ގިލްގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ފޮޓޯގަނޑަކަށެވެ.

ތާމަލްކެމެރާގެ ތަސްވީރުން އޭނާގެ ވާތު އުރަމަތިން އާދަޔާ ހިލާފު ކަމެއް ގިލްއަށް ފާހަގަކުރެވުނެވެ. އޭނާއަކީ އުރަމަތީގެ ކެންސަރުގެ ޝިކާރައަކަށްވި މީހެއްކަން ކަށަވަރުކުރުމަށް ހަދަންޖެހޭ ޓެސްޓުތަކާ ހިސާބަށް ދެވުނީ މިހާ ހިސާބުންނެވެ.

ސްކޮޓްލަންޑްގެ ވެރިރަށް އެޑިންގްބާގްގައި ހުންނަ ކެމެރާ އޮބްސްކޫރާ އެންޑް ވާލްޑް އޮފް އިލޫޝަންސްއަށް ގިލްގެ އާއިލާ ދަތުރުކުރީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ކަން ހިނގި ކިޔައިދެމުން ގިލް ބުނީ، ތާމަލް ކެމެރާ ހުންނަ ހިސާބަށް ގޮސް، އެހެން އާއިލާތަކުންވެސް ފޮޓޯ ނަގާ އުޅުނު ފަދައިން ގިލްގެ އާއިލާވެސް ފޮޓޯތައް ނެގީކަމަށެވެ. ފޮޓޯނަގަމުން، އެ ނެގި ފޮޓޯތައް ބަލަމުން ދިއުމުގެ ތެރޭގައި އޭނާގެ ވާތު އުރަމަތީގައި އާދަޔާ ހިލާފަށް ހޫނު ސަރަހައްދެއް އިން ކަން ކެމެރާއިން ދެއްކި ރަތް ސިގުނަލުން އޭނާއަށް އެނގުނެވެ. އެއީ އާދަޔާ ހިލާފު ކަމެއްކަން އެނގުނީ، އެހެން މީހުންގެ ހަށިގަނޑުގައި އެފަދަ ކަމެއް ހުރިކަމުގެ ނިޝާނެއް އެ ކެމެރާއިން ނުދެއްކުމުންނެވެ. އޭރު މާ ބޮޑުކަމަށް އެކަން ނުވި ނަމަވެސް، ގިލް، އެފޮޓޯ ރައްކާކުރިއެވެ.

އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމަށްފަހު ލިބުނު މެމޯގްރާމް ސްކޭނެއް ދައްކާލަނީ/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ދަތުރުގައި ނެގި އެ ފޮޓޯގައި އުރަމަތިން ފެނުނު އާދަޔާ ހިލާފުކަން ގިލްގެ ސަމާލުކަމަށް ދަތުރު ނިންމާ، އެނބުރި ދިޔަ ފަހުންނެވެ. އެއީ ދަތުރުގެ ފޮޓޯޓައް ބަލަމުން ދިއުމުގެ ތެރޭގައެވެ. އަނެއްކާވެސް އެއްކަލަ ރަތް ސިގުނަލް، ގިލްގެ ސަމާލުކަން ދަމައިގަތެވެ.

ނުރަނގަޅު އާދައެއް ނަމަވެސް، ގިލްވެސް އެންމެ ފުރަތަމަ ބަރޯސާވީ "ޑރ ގޫގްލް"އަށެވެ. އުރަމަތީ ކެންސަރާ ތާމަލް ކެމެރާ ފޮޓޯތަކާ ހުރި ގުޅުންތަކާ ބެހޭ ލިޔުންތަކެއް ކިއުމަށްފަހު، ހަގީގީ ޑޮކްޓަރެއްގެ ލަފާ ހޯދަން ގިލް ނިންމިއެވެ. އެކަންވީ ގިލްގެ ރަނގަޅަކަށެވެ. ޑޮކްޓަރުގެ ޖަވާބަކަށްވެސްވީ އޭނާގެ އުރަމައްޗަށް ކެންސަރު ޖެހިފައިވާކަމުގެ ސިއްކައެވެ. ނަމަވެސް ނަސީބަކަށްވީ، ދުރާލާ އެކަން ދެނެގަނެވުނުކަމެވެ. އޭރު އަދި މާ ނުރައްކާ ދަރަޖައަކަށް ނުދާކަމެވެ.

އޭގެ ފަހުން ގިލް މިހާރު 2 ފަހަރެއްގެ މަތިން އޮޕަރޭޝަންކޮށްފިއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް ކެންސަރު ފެތުރުނަ ނުދިނުމަށްޓަކައި އަދިވެސް އިތުރު އޮޕަރޭޝަންތަކެއް ކުރަން ރާވާފައި އެބަހުއްޓެވެ.

އުރަމަތީގެ ކެންސަރު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ކޮމްޕިއުޓާ ޖެނެރޭޓަޑް ތަސްވީރެއް/ފޮޓޯ: ވެރީވެލް ހެލްތް

ގިލް ވަނީ ކެމެރާ އޮބްސްކޫރާ އެންޑް ވާލްޑް އޮފް އިލޫޝަންސްއަށް ޝުކުރު އަދާކޮށްފައެވެ. ތާމަލް ކެމެރާތަކުގެ މަގުސަދަކީ އެއީ ނޫންކަމުގައި ވިއަސް، އެތަނުގައި އެކަން އެގޮތަށް ހަމަޖެހިފައި އޮތުންވީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ގިލް ސިފަކުރެއެވެ. ކެމެރާ އޮބްސްކޫރާ އެންޑް ވާލްޑް އޮފް އިލޫޝަންސްއިންވެސް ބުނީ، ތާމަލް ކެމެރާތަކުން މިފަދަ ކަމެއް ވެދާނެ ކަމަށް ހީވެސް ނުކުރާ ކަމަށާ، ގިލްގެ ވާހަކައިން ފުން އަސަރުތަކެއް ކުރުވި ކަމަށެވެ.

ގިލްގެ އުރަމައްޗަށް ކެންސަރު ޖެހިފައިވާކަން ދެނެގަނެވުނީ ތާމަލް ކެމެރާއެއްގެ އެހީގައި ކަމަށްވިއަސް، މިއީ ކެންސަރު ދެނެގަތުމަށް ހަގީގަތުގައި ބޭނުންކުރަމުން އަންނަ މެމޯގްރާމް ނިޒާމުގެ ބަދަލުގައި އިހުތިޔާރު ކުރަންވީ މަގު ނޫންކަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިންވަނީ ފާހަގަކޮށްފައެވެ.