މަރާލާފައިވާ 39 މީހެއްގެ ހަށިގަނޑު އަރުވައިގެން އިނގިރޭސިވިލާތުގެ އެސެކްސް ސަރަހައްދަށް ވަތް ލޮރީގެ ތެރޭގައި ހުރި ހަށިގަނޑުތައް އެއިން ބޭލުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ ޚަބަރު ލިބިއްޖެއެވެ.

ލޮރީއިން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ހަށިގަނޑުތަކަށް ބަލާއިރު، އޭގެ ތެރޭގައި ޗައިނާގެ 11 މީހެއްގެ ހަށިގަނޑު ހިމެނޭ ކަމަށް ބެލެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

ފިނިކުރެވޭ ގޮތަށް ހަދާފައިވާ ލޮރީ ތެރެއިން ގިނަ ގަބުރުތަކެއް ފެނުނު މައްސަލައާއި ގުޅިގެން، މި ލޮރީ ދުއްވަން އިން، އުމުރުން 25 އަހަރުގެ މޯ ރޮބިންސަންއާއި އިނގިރޭސިވިލާތުގެ ފުލުހުންދަނީ ސުވާލު ކުރަމުންނެވެ. އިނގިރޭސިވިލާތުގެ ފުލުހުންވަނީ މޯ އާއި ސުވާލު ކުރުމަށް ކަނޑައަޅާފައިވާ ވަގުތުވެސް އިތުރުކޮށްފައެވެ. އޭނާއާއި ސުވާލު ކުރަމުންދަނީ ގަސްތުގައި މީހުން މަރާލި ކަމުގެ ކުށުގެ ތުހުމަތުގައެވެ.

ލޮރީއިން ފެނުނު ގަބުރުތަކުގެ ތެރޭގައި އަންހެން ޖިންސުގެ 8 ގަބުރަކާ 31 ފިރިހެނެއްގެ ގަބުރު ހިމެނޭއިރު، މި 39 ހަށިގަނޑުގެ ތެރޭގައި ފުރާވަރު އުމުރުގެ ކުއްޖެއްގެ ހަށިގަނޑުވެސް ހިމެނެއެވެ.

ލޮރީއިން ހަށިގަނޑުތައް ބޭލުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ދެން އޮތީ މި ގަބުރުތަކުގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތެވެ.

މިއީ ކޮން ބައެއްކަން ކަށަވަރުކުރުމުގެ މަސައްކަތަށް ގިނަ ވަގުތަކެއް ހޭދަވާނެ ކަމަށާ، ނަމަވެސް މިކަން ކުރަމުންދާނީ މަރުވެފައިވާ މީހުންގެ އަބުރު ރައްކާތެރިވާ ފަދަ ގޮތަކަށް ކަމަށްވެސް އިނގިރޭސިވިލާތުގެ ވަނީ ހާމަކޮށްފައެވެ.

މި ލޮރީއަކީ ބެލްޖިއަމުން ފުރައިގެން ދަތުރުކުރި ލޮރީއަކަށްވާއިރު، ލޮރީ ތެރެއިން ފެނުނު މީހުންނަކީ ބެލްޖިއަމްގެ މީހުން ކަމަށް ނުބެލެވޭ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.