ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ހިދުމަތުގައި އައިނިވާ ނިޔާޒީ ދެމިހުރިތާ 30 އަށްވުރެ ގިނަ އަހަރު ފާއިތުވެދާނެއެވެ. އޭނާގެ މައްސައްކަތަކަށްވީ ކޮމިއުނިސްޓުންގެ ބާނީންގެ ތެރޭގައި ހިމަނޭ މާއޯ ޒެދޯންގް ފަދަ މީހުންގެ ޝަހްސު ޕްރޮމޯޓްކޮށް، ކުދިންނަށް އެކަމާ ގުޅުންހުރި ކަންކަން އުނގަންނައިދިނުމެވެ. އޭނާ މަސައްކަތް ކުރަމުންދިޔަ ސްކޫލު ހުންނަނީ އުރުމްޗީއޭ ކިއުނު ސަރަހައްދަށްވުރެ ކުޑަ ތަންކޮޅެއް ބޭރުގައެވެ. މިއީ ޗައިނާގެ އެކަހެރި ސަރަހައްދެއް ކަމަށްވ ޝިންޖިއާންގްގެ ސަރަހައްދެވެ. މިއީ ޗައިނާގައި ދިރިއުޅޭ ވީގޫރު ދަރިކޮޅުގެ މުސްލިމުން ވަޒަންވެރިވެގެން އުޅޭ ސަރަހައްދެވެ.

ނިޔާޒީގެ ވަޒީފާއަށް ޕްރޮމޯޝަނެއް ލިބުނެވެ. މިޑްލް ސްކޫލް ޕްރިންސިޕަލްއެއްގެ މަގާމަށް އޭނާ ބަދަލުކުރިއެވެ. އެއަށްފަހު އަވަށުގެ ތައުލީމު ކުރިއެރުވުމަށްޓަކައި ޕާޓީގެ ވައިސް ސެކްރެޓަރީ ފޯ އެޑިއުކޭޝަންގެ މަގާމަށް އޭނާ ޕްރޮމޯޓްކުރިއެވެ. ނިޔާޒީއަކީ އޭނާގެ އަވަށުގައި މަގުބޫލު މީހެކެވެ. އޭނާގެ މަގާމުގެ ސަބަބަކުން ނޫނެވެ. ނަމަވެސް އޭނާގެ މިޒާޖުގެ ސަބަބުންނެވެ.

ދުވަސްވަރަކީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ދުވަސްތަކެވެ. ނިޔާޒީ ދިރިއުޅެމުންދިޔަ ގޭގެ ދޮރުގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ޓަކިދިނެވެ. އަދި އެމީހުންގެ ފަހަތުން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ނިޔާޒީއަށް އެންގިއެވެ. އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.

އިސާހިތަކު ނިޔާޒީ ގެއްލިއްޖެއެވެ. އޭނގެ އަންހެނުން އިސާރްހާން އަހުމަދަށް ވަދާއީ ސަލާމްކޮށްލާނެ ފުރުސަތެއްވެސް ނުލިބިއެވެ. ކަމާބެހޭ ފަރާތްތަކާއެކު ފުލުހުންގެ އިދާރާއަށް ނިޔާޒީ ހާޒިރުކުރެވުނު ވަގުތު އޭނާގެ އަންހެނުން ގެޔަކު ނެތެވެ. ގެއަށް އައިސް ފިރިމީހާ ވީ ތަނެއް ނޭނގި އިސްރަހާން ކަންބޮޑުވިއެވެ.

ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރުކުރި ވީގޫރު ދަރިކޮޅުގެ ދީނީ އިލްމުވެރިންގެ ވަފުގައި ހިމެނޭ މެމްބަރެއް/ފޮޓޯ: އަލްޖަޒީރާ

ނިޔާޒީ ހިމެނުނީ ޗައިނާއިން މުސްލިމުންގެ ވަސް ފޮހެލުމަށް އެގައުމުގެ ކޮމިއުނިސްޓް ސަރުކާރުން ހިންގާ ވަރުގަދަ ޖަރީމާގެ ޝިކާރައަކަށް ވީ މީހުންގެ ތެރޭގައެވެ. ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ވީގޫރު މުސްލިމުންނަށް ހާއްސަކޮށްގެން ޗައިނާއިން ހިންގާ މާ ސިންގާ ޑިޓެންޝަން ސެންޓަރަށް ނިޔާޒީ ގެންދެވުނެވެ. ނިޔާޒީ ފަދަ، މުޖުތަމައުގައި ގަދަވެރި މީހަކަށްވެސް މި ޖަރީމާއިން ސަލާމަތެއް ނުވެވުނެވެ.

ޗައިނާ ސަރުކާރުން ބުނާ ގޮތުގައި މި ކޭމްޕުތަކަކީ އާންމު ދިރިއުޅުމުގެ އާދަތައް ދަސްކޮށްދޭ ވޮކޭޝަނަލް ތަމްރީނުދޭ ކޭމްޕުތަކެކެވެ.

ނަމަވެސް ކޭމްޕުން ފިލައިގެން ދުނިޔޭގެ އެހެން ހިސާބުތަކަށް ދަތުރުކުރާ މީހުންގެ ވާހަކަތައް ތަފާތެވެ. ޗައިނާގެ ޝީންޖިއާންގް ސަރަހައްދުގައި މީޑިއާއަށް ހަރަކާތްތެރިވެވޭނެ މިނިވަން މާހައުލެއް ނެތްއިރު، ބަރޯސާވާންޖެހެނީ ކޭމްޕުތަކުން ފިލާ މީހުން ދޭ ބަޔާންތަކަށެވެ.

ޗައިނާގެ ކޭމްޕުން ނިޔާޒީ މިނިވަންވީ މިދިޔަ ހޮނިހުރު ދުވަހުއެވެ. ނަމަވެސް އަދިވެސް އެފަދަ ކިތަންމެ މީހަކު އެ ކޭމްޕުތަކުގައި އެބަތިއްބެވެ. ޗައިނާގެ ސަރުކާރުން ސިފަކުރާ ގޮތުގައި ވީގޫރު ދަރިކޮޅުގެ މުސްލިމުންނަކީ 2 މޫނުގެ ވެރިންނެވެ. އެހެނީ ޗައިނާ ސަރުކާރަށް އެމީހުން ގައްދާރުވިކަމަށް ޗައިނާގެ ކޮމިއުނިސްޓު ވެރިން ސިފަކުރަމުންދާ ކަމެވެ. ވީގޫރު ދަރިކޮޅުގެ މިލިއަނެއްހާ މުސްލިމުން ޗައިނާގެ ކޭމްޕުތަކުގައި ބަންދުވެފައި ތިބިއިރު އެމީހުންގެ ދިފާއުގައި ބައިނަލްއަގުވާމީ މުޖުތަމައުން ޗައިނާ ސަރުކާރަށް ޕްރެޝާ ކުރުމަށް، ކޭމްޕުތަކުގައި ތިބި މީހުންގެ އާއިލާތަކުން ދަނީ ގޮވާލަމުންނެވެ.