މުނިފޫހިފިލުވާލުމަށް އެންމެ ގިނަ ބަޔަކު ބޭނުކުރަމުންދާ ސޯޝަލް މީޑިއާ ވިއުގާގައި ޕާކިސްތާނު އަނެއްކާވެސް ފަލީހަތްވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕާކިސްތާނަށް މާލާމާތާ ފުރައްސާރަ މިފަހަރު އަމާޒުވީ ޓިކްޓޮކްއަށް މަޝްހޫރު ހަރީމް ޝާހްގެ ޕޯސްޓަކާ ހެދިއެވެ. މި ވީޑިއޯގައި ހަރީމް ޝާހް ހަރަކާތްތެރިވަނީ ޕާކިސްތާނު ހާރިޖިއްޔާގެ ޖަލްސާ ކުރާ މާލަން ތެރޭގައެވެ. އިންޓަނެޓްގެ އެކި ޕްލެޓްފޯމުތަކުގައި މިހާރު ވައިރަލް ވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ޖަލްސާ ކުރާ މާލަމުގައި ހާރިޖީ ވަޒީރަށް ހާއްސަކޮށްފައިވާ ގޮނޑިކޮޅުގައި ހަރީމް ޝާހް އިށީނދެގެން އިންނަ މަންޒަރުތައް ފެނެއެވެ.

ހަރީމް ޝާހްގެ ޓިކްޓޮކް ވީޑިއޯގައި ޕާކިސްތާނުގެ ހާރިޖިއްޔާގެ އިމާރާތުގެ ޖަލްސާ ކުރާ މާލަން ތެރޭގައި އޭނާ ހަރަކާތްތެރިވާއިރު ފަހަތުން އިވެމުންދަނީ ހިންދީ އަދި ޕަންޖާބީ ލަވަތަކެވެ.

ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކޮށްފައި އޮންނަ ޕާކިސްތާނުގެ ހާރިޖިއްޔާގެ މުހިންމު މާލަމެއްގައި ހަރީމް ޝާހް މިފަދަ ގޮތަކަށް ހަރަކާތްތެރިވާ މަންޒަރު ފެނުމުން ގިނަ ބައެއްގެ ފާޑުކިއުންތައްވެސް ޕާކިސްތާނުގެ ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މީޑިއާއާއި ވާހަކަ ދައްކަމުން ހަރީމް ޝާހް ބުނީ، އިމާރާތުގެ ތެރެއަށް އޭނާ ވަދެފައިވާނީ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައްވެސް ނަގައިގެން ކަމަށެވެ. ވީޑިއޯ ކުރުމަކީ ޣައިރު ގާނޫނީ ކަމެއް ނަމަ، ކަމާ ބެހޭ ފަރާތްތަކުން އެވަގުތު އޭނާއަށް ހުރަސް އަޅާ، ވީޑިއޯ ކުރުން ހުއްޓުވަންޖެހޭނެ ކަމަށްވެސް ހަރީމް ޝާހް ދަނީ ބުނަމުންނެވެ.

ހަރީމް ޝާހް ވަނީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް އޭނާ ހަމަ މިގޮތަށް އަމަލުކޮށްފައިވާނެ ކަމަށް އިއުތިރާފުވެފައެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ މިކަން ހިނގަން މެދުވެރިވި ސަބަބެއް ބެލުމަށް ތަހުގީގު ކުރަމުންނެވެ.