ބިޑަކާ ނުލާ މަޝްރޫއުތައް ދިނުމަކީ މާލިއްޔަތު ގާނޫނުގެ ރޫހާ ހިލާފު ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

މިއަދު އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނީ، ބިޑް ކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލު ކުރުމަކީ، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ އިހުތިމާލް އޮތް ކަމެއް ކަމަށެވެ. އަދި، މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ރޫޙާ ހިލާފަށް ކުރާ، ކޮރަޕްޝަންގެ ހިރާސްއޮތް ކަމަކަށް ވާތީ، އެ ކޮމިޝަނުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭސީސީން ވަނީ، ދައުލަތުގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިޔަށް ގެންދިއުމުގައި ދެފުށް ފެންނަ، ހާމަކަންބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް އިލްތިމާސް ކޮށްފައެވެ.

އޭސީސީން މިހެން ބުނެފައި ވާއިރު، ޕްލޭނިންގް މިނިސްޓްރީން ގުޅީފަޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައި ވެއެވެ. ގުޅީފަޅުގެ 600 ހެކްޓަރުގެ ބިން ހިއްކުމަށް 53 މިލިއަން ޑޮލަރަށް ދީފައިވާ މި މަޝްރޫއުގެ މުއްދަތަކީ 180 ދުވަހެވެ. މީގެ އިތުރުން ބިޑަކާއި ނުލާ 137 އަށް ވުރެ ގިނަ މަޝްރޫއު ހިންގަން ސަރުކާރަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ ތެރެއިން ނެގޯޝިއޭޓް ކުރަނީ 20 މަޝްރޫއު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އަދި އޭގައި ފެނާއި ނަރުދަމާ، ކަރަންޓު، ހެލްތް ދާއިރާގެ މަޝްރޫއުތަކުގެ އިތުރުން ޕޯޓާއި ބްރިޖުގެ ޕްރޮޕޯސަލްތައް ވެސް ހިމެނެއެވެ.