ބޮޑެތި މައްސަލަތަކެއް ޖެހި، ވައިގެ ހިތާމަވެރި 2 ހާދިސާއެއް ހިނގާ އެއް ބައެއްގެ ފުރާނަ ގެއްލިދިއުމާ ގުޅިފައިވާ 737 މެކްސް މޮޑެލްގެ މަތިންދާބޯޓުތައް، މި ހިނގާ 2019 ވަނަ އަހަރު ނިމުމުގެ ކުރިން އަލުން އުދުއްސެން ފެށޭ ވަރު ވާނެ ކަމަށް، ބޮއިންގް ކުންފުނިން ބުނެފިއެވެ.
ލަޔަން އެއާގެ މަތިންދާ ބޯޓަކާ އިތިއޮޕިއަން އެއާލައިންސްގެ މަތިންދާ ބޯޓުތަކެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާތަކާ ގުޅިގެން، ބޮއިންގް 737 މެކްސް މޮޑެލްގެ ބޯޓުތައް ވަނީ ގްރައުންޑްކޮށްފައެވެ.
ލަޔަންއެއާގެ ބޯޓު ވެއްޓުނީ ކީއްވެ؟
2018 ވަނަ އަހަރުގެ ފަހުކޮޅު އިންޑޮނޭޝިއާއިން އުދުއްސާލިތާ އެންމެ 13 މިނެޓް ތެރޭގައި ބޮއިންގް 737 މަރުކާގެ މަތިންދާ ބޯޓު ވެއްޓި، އެއިން ދަތުރުކުރި 189 މީހުންގެ ފުރާޏަ ވަނީ ގެއްލިފައެވެ. މި ހާދިސާއާއި ގުޅޭ ރަސްމީ ރިޕޯޓް ހުކުރު ދުވަހު އާންމު ކުރަން ހަމަޖެހިފައިވާއިރު ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކާ މިއިން ބައެއް މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އާއިލާއާއި ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފްލައިޓް ކޮންޓްރޯލް ސިސްޓަމްގައި ޖެހުނު މައްސަލައަކީ ބޯޓު ވެއްޓެން ދިމާވި އެއް ސަބަބު ކަމުގައި ވަނީ ބަޔާންކޮށްފައެވެ.
737 މެކްސް ގްރައުންޑްކުރުން
ލަޔަން އެއާ ވެއްޓުނު ހާދިސާއަށް މާ ގިނަ ދުވަހެއް ނުވެ، މިއަހަރު މާޗް މަހު އަނެއްކާވެސް އިތުރު ހާދިސާއެއް ހިނގީއެވެ. މާޗް މަހުގެ ތެރޭގައި ހަމަ 737 މެކްސް މޮޑެލްގެ ބޯޓެއް ވެއްޓި، އެއިއިން ދަތުރުކުރި ހުރިހާ އެންމެން މަރުވިއެވެ.
ގާތްގަނޑަކަށް 6 އެއްކަ މަސްދުވަހުގެ ތެރޭގައި އެއް މޮޑެލެއްގެ 2 ބޯޓު ވެއްޓިގެން ހިނގި ހިތާމަވެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 346 އަށް އެރުމާއެކު، ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި އޮޕަރޭޓްކުރަމުންދިޔަ ބޮއިންގް 737 މެކްސް މޮޑެލްގެ ހުރިހާ ބޯޓެއް ގްރައުންޑްކުރިއެވެ. އަދި މި މޮޑެލްގެ ބޯޓުތަކަށް ދިމާވަމުންދިޔަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ބޮއިންގް ކުންފުނިން އާ ރޫހެއްގައި ފެށިއެވެ.
މި މައްސަލަތަކާއެކު ވައިގެ އުދުހުންތަކުގެ ސިނާއަތުގައި ބޮއިންގް ކުންފުނީގެ އަގުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކަސްޓަމަރުންގެ އިތުބާރު ގެއްލުނުއިރު، ފަސެންޖަރުންގެ އިތުބާރުވެސް ގެއްލުނެވެ. ކަންމިހެން އޮތްނަމަވެސް 2020 ވަނަ އަހަރާ ބައްދަލުކުރާއިރު 737 މެކްސް މޮޑެލްގެ ބޯޓުތައް ވައިގެ ތެރޭގައި އުދެހެމުންދާނެ ހުރިހާ ގޮތެއް ހެދުމަށް ބޮއިންގް ކުންފުނި އޮތީ އަތުކުރި އޮޅާލާފައެވެ.