ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ފޭންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުރިޔަށްދިޔަ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019" މުބާރާތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ކޮންމެ ކުއްޖަކީވެސް ގާބިލުކުއްޖަކަށް ހެދުންކަމަށެވެ.

ނުކުޅެދުންތެރިކަން ހުރުން އެއީ ކަންކަން ނުކުރެވޭނެކަމަށް ގަބޫލުކުރަންވީ ސަބަބެއް ނޫންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުން ވެސް މިފަދަ ކުދިން ރަން ވަނަތަށް ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައިވެސް އާދަޔާ ހިލާފު މޮޅު ހުނަރުތައް ހުރި ފަރާތްތައް ތިބިކަން ފާހަގަކުރައްވައި އެފަރާތްތަކަށް ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ވަޒީފާގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދޭން ޖެހޭކަމަަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށް ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ މި ސްޕޯޓްސް ފެސްޓިވަލަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވެދޭ ބައެއް ޖަމިއްޔާތަކާ ސްކޫލުތައް ގުޅިގެން ބާއްވާ ހަރަކާތެކެވެ.

ޕެރަ އޮލިންޕިކްސްގައި ހިމެނޭ ބައެއް ކުޅިވަރުތަކަށް ކުދިން ތަމްރީނު ކުރެވޭގޮތަށް ބައްޓަންކޮށްގެން ކުރިޔަށްގެންދާ ސްޕޯސް ފެސްޓިވަލް ބޭއްވުމުގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ. ދިރާގުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 400 ކުދިން ބައިވެރިވެފައިވެއެވެ.