އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ބައިވެރިވާ ފަނޑިޔާރުންގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކަމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ބައެއް ފަނޑިޔާރުން ބައިވެރިވާކަމަށް މާލިއްޔަތު ކޮމިޓީގައި ޕްރޮސެކިއުޓަ ޖެނެރަލް ވިދާޅުވެފައިވާތީ، އެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި އެ ފަނޑިޔާރުންނާއި، އެކަމާ ގުޅޭ ހެކިތައް ޖޭއެސްސީއަށް ހިއްސާކޮށްދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި މިއަދު ދެންނެވުމަށްވެސް ކޮމިޝަނުން ނިންމާފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އިއްޔެ ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަހުގީގުކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، މުޖުތަމައުގައި ފަނޑިޔާރެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރެއެވެ.

އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލައިގައި ބައެއް ފަނޑިޔާރުން ބައިވެރިވާކަމަށް، ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި މި ވަގުތު މަގާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށެވެ.