ބިޑަކާ ނުލައި 137 މަޝްރޫއެއް ސަރުކާރަށް ލިބިފައިވާ ކަމަށާއި 20 މަޝްރޫއެއް ފަށަން މަޝްވަރާ ކުރަމުންދާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ 137 އަށް ވުރެ ގިނަ މަޝްރޫއު ހިންގަން ސަރުކާރަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށާއި މި މަޝްރޫއުތަކުގެ ތެރެއިން ނެގޯޝިއޭޓް ކުރަނީ 20 މަޝްރޫއު ކަމަށެވެ. އަދި މީގައި ހިމެނެނީ ފެނާއި ނަރުދަމާ، ކަރަންޓު، ހެލްތް ދާއިރާގެ މަޝްރޫއުތަކުގެ އިތުރުން ޕޯޓާއި ބްރިޖުގެ ޕްރޮޕޯސަލްތައް ކަމަށެވެ.

އައްޑޫ ކަރަންޓުގެ މަޝްރޫއު ހިންގަން ޗައިނާގެ ޑޮންގް ފެންގް ކުންފުންޏާއެކު ފްރޭމް ވޯކް އެގްރިމެންޓުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޕްރޮޖެކްޓްތައް ގިނަ ގައުމުތަކަކުން ލިބިފައިވާ ކަމަށާއި، މީގެތެރޭގައި ގިނައިން ހިމެނެނީ ޗައިނާ އާއި އިންޑިއާގެ ކުންފުނިތައް ކަމަށެވެ. ނަމަވެސް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު ތަކަށް ހުށަހެޅުން ލިބެނީ ސްކެންޑެނޭވިއާ ސަރަހައްދުގެ ގައުމުތަކުން ކަމަށެވެ. އަދި ބްރިޖާއި ޕޯޓަށް ހުށަހެޅުން ލިބިފައިވަނީ ދުބާއީ އާއި ތުރުކީން ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެ ވަނީ ޕްލޭނިންގް މިނިސްޓްރީން ގުޅީފަޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ބިޑަކާ ނުލައި ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ގުޅީފަޅުގެ 600 ހެކްޓަރުގެ ބިން ހިއްކުމަށް 53 މިލިއަން ޑޮލަރަށް ދީފައިވާ މި މަޝްރޫއުގެ މުއްދަތަކީ 180 ދުވަހެވެ.