ދިވެހި މަސްވެރިންގެ ވާހަކަތައް ހިއްސާ ކުރާ ހަސަން ސާޖިން ނުވަތަ ޓްވިޓާގައި މަޝްްހޫރު ނަމުން ނަމަ "ޒުވާން މަސްވެރިޔާ" ބުނެފައިވަނީ މަސްވެރިން ބާނާ މަސް ނުކިރިގެން މަސްވެރިން ތިބީ ހަދާނެ ގޮތް ހުސްވެފައި ކަމަށެވެ.
ޒުވާން މަސްވެރިޔާ ބުނީ، ހއ. އަތޮޅުން ބޭނި 13 ޓަނުގެ މަސް ކިރަން ފެލިވަރަށް ދިއުމުން ފެލިވަަރުން ބުނީ ކޫއްޑުއަށް ދިއުމަށް ކަމަށާއި ކޫއްޑުއަށް ދިއުމުން، މަސް ހުރީ މާ ގިނަ ދުވަސް ވެފައި ކަމަށް ބުނި ކަމަށެވެ. އެންމެ ފަހުން އެ މަސް ކިރަން ޖެހުނީ 5 ރުފިޔާގެ ރޭޓުގައި ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިދިޔަ މަހު ބޭނި 14 ޓަނުގެ މަހުން ފަސް ޓަނުގެ މަސް މޫދަށް އުކާލާފައިވާ ކަމަށާއި ބާކީ ހުރި ނުވަ ޓަނުގެ މަސް ކިރަން ޖެހުނީ 15 ރުފިޔާގެ ރޭޓުގައި ކަމަށެވެ.
އެހެން މަސްވެރިއެއް ބުނީ، އެމީހުން ހއ. އަތޮޅުން މަސް ބާނައިގެން ގޮސް ރ. އަލިފުށިން ހަތަރު ޓަނުގެ އައިސް އަދި ރ. ދުވާފަރުން 10 ޓަނުގެ އައިސް އަޅައިގެން ޅ. ފެލިވަރަށް ދިޔުމުން މަސް ކިރޭނީ 22 އޮކްޓޫބަރުގައި ކަމަށް ބުނެފައި ކޫއްޑުއަށް ފޮނުވާލާ ކަމަށެވެ. އަދި ކޫއްޑުއަށް ދިޔަ މަގުމަތީގައި ހުޅުމާލެއިން 8 ޓަނުގެ އައިސް އަޅައިގެން ފިނިކުރަމުން، ކޫއްޑުއަށް ދިއުމުން ކޫއްޑުއިން ބުނަނީ "ސޮރީ" ކަމަށް ވެސް އޭނާގެ ބުނެއެވެ.
މިއީ ކޮންމެ އަހަރަކުވެސް މަސްވެރިން އުޅެން ޖެހޭ ހާލުކަން ފާހަގަ ކުރަމުން ޒުވާން މަސްވެރިޔާ ބުނެފައި ވަނީ ރިސޯޓުތައް ހަދަން ފަޅުރަށްތައް ދޫކުރެވޭ އިރު މަސްވެރިންނަށް ދިމާވާ ގޮންޖެހުން ތަަކަށް އެއްވެސް ސަރުކާރަކުން ދާއިމީ ހައްލެއް އަދި ހޯދައި ނުދެވޭ ކަމަށެވެ.
މި ކަމާ ގުޅިގެން މިފްކޯގެ މެނޭޖިން ޑައިރެކްޓާ އިސްމާއިލް ފައުޒީ "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެންމެ ގިނަވެގެން އައިސް އަޅައިގެން މެއިންޓެއިން ކުރުމަށް އޮންނާނީ އެއް ހަފްތާ ކަމަށެވެ. މި ދިޔަ މަހުގެ 15 ގައި މަސްކިރަން ދިޔަ ބަޔަކު ކިއުގައި މަޑުކޮށްގެން ތިބީމައި މަސްކިރާ ބޯޓުން އަވަހަށް މަސްކިރުވުމަށް ތެޔޮދީފައި އެމީހުން ފެލިވަރުން ކޫއްޑުއަށް ފޮނުވާލި ކަމަށް ފައުޒީ ވިދާޅުވިއެވެ.
މީގެ އިތުރުން ފައުޒީ ވިދާޅުވީ، އެ ދޯނި ފެލިވަރުން ކޫއްޑުއަށް ދަތުރު ކުރަން ނަގާނީ ގިނަވެގެން 24 ގަޑިއިރު ކަމަށެވެ. ނަމަވެސް އެ ދޯނި ކޫއްޑުއަށް ދިޔަ ކަމަށް ރިޕޯޓު ކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށާއި އެއީ 7 ދުވަސް ފަސް ކަމަށް ފައުޒީ ފާހަގަ ކުރެއްވިއެވެ. އަދި އެ ދޯނިން ކިރި މަސްތަކުގެ ތެރެއިން ބޮޑު ބައެއް ރިޖެކްޓު ކުރީ މަހުގެ ކޮލެޓީ އާއި ހުރިހާ އެއްޗަކަށް ބެލުމަށް ފަހު ކަމަށާއި ގިނައިން 'ނެގީ' ދަތުރު މަތީގައި ބާނާފައި ހުރި މަސް ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވީ މަސް ނުކިރިގެން ނޫން ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެފައިވަނީ، މިވަގުތު ދުނިޔޭގަ މަހުގެ އަގު ހުރީ 1000 ޑޮލަރަށް ޓަނެއް ކަމަށާއި މަސްވެރިން އަތުން މަސް ގަނެގެން ބޭރު ކުރާއިރު 1850 ޑޮލަރު ޖެހޭ ކަމަށެވެ. މިކަން މިހެން ކޮށްފި ނަމަ ކޮންމެ ޓަނަކުން އެތަށް ސަތޭކަ ޑޮލަރެއް ގެއްލުން ވާނެކަމަށް ވެސް އަމްރު ވިދާޅުވިއެވެ. އަދި އެކަމުން ވާ ގެއްލުން ފޫބައްދަން މަސް ގަންނަ ފައިސާ ދެނީ ދައުލަތުގެ ބަޖެޓުން ކަމަށާއި އެއީ އެންމެން ދައްކާ ޓެކްސް ފައިސާއަށް ވާއިރު، ހަލާކުވެފައި ހުންނަ މަސް ޓެކްސް ފައިސާއިން ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ބުނީ، ފެލިވަރުން ނަންބަރު ނަގައިގެން ކޫއްޑުއަށް ދިޔަ ދޯނީގެ ދަތުރު ލަސްވީ ވިއްސާރައިގެ ސަބަބުން ކަމަށާއި ކޫއްޑޫން މަސް ކިރަން މަސައްކަތް ކުރި ނަމަވެސް ގިނަ ދުވަސްވުމުން އެ މަސްތައް "ބްރައިން" އަށް އެޅުމުން މައްސަލަ ޖެހިދާނެތީ އެ މަސް ނުނެގީ ކަމަށެވެ. މި ގޮތަށް ކަންތަށް ކޮށްފައި ވަނީ ދެ ފަރާތުން ވެސް އެއްބަސް ވެގެން ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
ވެރިކަމަށް އަންނަ ކޮންމެ ވެރިކަމެއްގައި ވެސް ތަފާތު ގިނަ ވައުދުތަކެއް މަސްވެރިންނަށް ހާއްސަކޮށް ވަމުން ދާއިރު އެއްބަޔަކު ގަބޫލު ކުރާގޮތުގައި މަސްވެރިންނަށް އެންމެ ބޭނުންވަނީ މަސްވެރިޔާ ކާޑެވެ. އަނެއްބަޔަކު ދެކޭގޮތުގައި މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރެވޭނީ ތެލުގެ ހަރަދު ކުޑަކޮށް، ސަރުކާރުން ސަބްސިޑީ ދީގެންނެވެ.
ނަމަވެސް އަސްލު މައްސަލަ އޮތްގޮތަށް އޮތީއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން މަސްވެރިން ބާނާ މަހަށޤ ހަމަ އަގެއް ނުލިބެއެވެ. މަސްކޮޅު ކިރާލެވެނީ އެތައް އިރަކު ކިޔުގައި ޖެހިގެންނެވެ. ލޭނު އަޅާ މީހުން އެ މަސައްކަތުގައި އަވަދި ނެތި އުޅެއެވެ. އެއީވެސް ހަމަ ސަރުކާރުގެ ހުއްދަ ލިބިގެން ކުރާ މަސްވެރިކަމެކެވެ. މަސް ކިރާ ބޯޓުތައް އެހާ މަދެވެ. ބާނާ މަސްކޮޅު ކިރަން ދާނެ ތަނެއް ނެތެވެ. މަސްގަތުމުގެ ވާދަވެރިކަން ގެއްލި މުޅި ސިނާއަތް ގެއްލެނީއެވެ.
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އުތުރުގެ މަސްވެރިކަން ވަނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ތިޔާގިވެފައެވެ. މި ކަމުގެ ސަބަބުން ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓްރީއަށް ވަނީ ބާރު ބޮޑުވެ، މަސް ކިރުމުގެ މައްސަލަތައް ބޮޑުވެގެން ގޮސްފައެވެ. ނަމަވެސް މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ މި މަހު ކުރީކޮޅު ވިދާޅުވެފައި ވަނީ، މަސްވެރިން ބާނާ މަސްތައް ނުކިރި އުކާލަން ޖެހޭ ހިސާބަށް ދިޔަ ނަމަވެސް މަސްވެރިން ބާނާ ހުރިހާ މަހެއް ވެސް ގަންނަމުންދާ ކަމަށެވެ.
އެންމެ ކުޑައިރުއްސުރެ އިވޭ އަޑަކީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށެވެ. ގިނަ ބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ދޭހާ އަތްވަކާއި ވެހޭހާ ވާރެއެއްގައި އެމީހުން މަސައްކަތް ކުރަނީ ހަމަޖެހިލައިގެން އަނބިދަރިންނާއި އާއިލާ އަށް އުފާވެރި މުސަތަގުބަލެއް ހޯދައި ދިނުމުގެ ފޮނި އުންމީދުގައެވެ.
މިއަދު ހާލަތު ބަދަލުވެ މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އެނބުރެމުން ދާއިރު ބާނާ މަސްކޮޅަށް ހަމަ އަގު ނުލިބުމަކީ މަސްވެރިކަމާމެދު ޒުވާނުން ދެވަނަ ވިސްނުމަކުން ވިސްނާނެ ކަމެކެވެ.