ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ލަސްނުކޮށް ތަހުގީގުކޮށް ދިނުމަށް ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނީ، ސުވާލު ނުއުފެދޭ ފެންވަރުގައި ކަމަށް ވާއިރު، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި މި ވަގުތު މަގާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވުމަކީ، ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެން ކަމުން އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަހުގީގުކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، މުޖުތަމައުގައި ފަނޑިޔާރެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް އަމަލެއް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް އެންމެހައި ފަނޑިޔާރުންނަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކަމަށާއި، އެ ފަރާތްތަކާ ގުޅޭގޮތުން ތަހުގީގު ކުރިއަށްދާ ކަމަށް ބިޝާމް ވަނީ ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ. އެގޮތުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ހިމެނެއެވެ.

މީގެ އިތުރުން ފުލުހުންގެ އޮފިސަރުންތަކެއް މި ހިޔާނާތުގައި ބައިވެރިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިވަގުތު ތަހުގީގު ކުރިއަށްދާތީ ބަލަމުން ދަނީ ކިތައް ފުލުހުންގެ މައްސަލަ ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ތަހުގީގު ކުރެވެމުންދާ ފުލުހުންގެ ތެރޭގައި އެގްޒެކެޓިވް ލެވެލްގެ ފުލުހުންނާއި ނޮން-ކޮމިޝަންޑް އަދި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ދީފައިވެއެވެ.