މި ސަރުކާރުގައި ހިމެނޭ ތިން މިނިސްޓަރެއްގެ ނަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ ބޭފުޅުންގެ ލިސްޓުގައި ހިމެނިކަން އެނގިއްޖެއެވެ.
އެ ތިން މިނިސްޓަރުންނަކީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މި ތިން މިނިސްޓަރުންގެ ނަން ހިމެނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާ ލިބުނު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ތުހުމަތު ކުރެއްވި ލިސްޓުގައެވެ. ނަމަވެސް މި ހިޔާނާތާ ގުޅުވައި މަލީހު އާއި ޒަހާއަށް ތުހުމަތުކޮށް، އެއްވެސް އަޑެއް ފެތުރި އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ވާހަކަ ދައްކާފައެއް ނުވެއެވެ.
މަލީހާއި ޒަހާގެ ނަން މި ހިޔާނާތާ ގުޅީގެން އެއްވެސް ރިޕޯޓެއްގައި އައިސްފައި ނުވި ނަމަވެސް މި ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ކުރި ތަހުގީގަށް ފަހު ދައުލަތުގެ ފައިސާ ވަން 155 އެކައުންޓެއްގެ ވާހަކަ ހާމަކުރި އިރު އެ ލިސްޓުގައި މަހްލޫފުގެ ނަން އޮތެވެ.
އެކަމާ ގުޅިގެން، އެކަން ތަހުގީގުކުރުމަށްޓަކައި މަހްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށް ސަސްޕެންޑް ކުރިއެވެ. އޭރު މަހްލޫފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފާ އެކު ހިންގެވީ ޑޮލަރުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. މަހްލޫފްގެ ސަސްޕެންޝަން އުވާލީ ހިޔާނާތުގައި، މަހްލޫފަށް ތުހުމަތުކޮށް އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަން އޭސީސީން އެންގުމުންނެވެ.
ކެބިނެޓުގެ 3 ވަޒީރަކަށް ތުހުމަތު ކުރެވޭ އިރު މިއަދު މަލީހު ވަނީ، ޕީޖީގެ ތުހުމަތުތަކާ ގުޅިގެން އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ވިދާލުވެފައެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކަމަށާއި، އެ ފަރާތްތަކާ ގުޅޭގޮތުން ތަހުގީގު ކުރިއަށްދާ ކަމަށް އިއްޔެ ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބިޝާމް ވިދާޅުވެފައި ވެއެވެ. ނަމަވެސް، އެ މެންބަރުންގެ ނަންތައް ހާމަ ކުރައްވައިފި ނަމަ، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބިޝާމް ވިދާޅުވުމާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.
މި ކަމާ ގުޅިގެން، 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން ބިޝާމް ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް މެންބަރުން މަޖިލީހުގައި ވެސް ތިއްބެވިކަން މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ، މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުންނަށް ވެސް ތުހުމަތު ކުރެވޭތީ، މި މައްސަލާއާ ބެހޭ މައުލޫމާތުތައް ކޮމިޓީގައި ހިއްސާ ކުރުމުގެ ކުރިން އެ މެންބަރުން ތަނާޒިލު ކުރެއްވުމަށް ކަމަށެވެ.
ބިޝާމް ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވެނީ ކިތަށް މެންބަރުންނަށްތޯ ނުވަތަ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ކިތަށް ބޭފުޅުންނަށް ކަން ވިދާޅުވުމަށް ދަތި ކަމަށާއި، މިއީ ތަހުގީގު މަރުހަލާގައި ކުރިއަށްދާ މައްސަލައެއް ކަމުން މައްސަލައާ ބެހޭ މާ ގިނަ މައުލޫމާތެއް ރަސްމީ ސިފައެއްގައި އެނގި ވަޑައިނުގަންނަވާ ކަމަށެވެ. މީގެ އިތުރުން ބިޝާމް ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މަޖިލިސް މެންބަރުންގެ ލިސްޓެއް ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ފުލުހުންގެ އޮފިސަރުންތަކެއް މި ހިޔާނާތުގައި ބައިވެރިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިވަގުތު ތަހުގީގު ކުރިއަށްދާތީ ބަލަމުންދަނީ ކިތައް ފުލުހުންގެ މައްސަލަ ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ތަހުގީގު ކުރެވެމުންދާ ފުލުހުންގެ ތެރޭގައި އެގްޒެކެޓިވް ލެވެލްގެ ފުލުހުންނާއި ނޮން-ކޮމިޝަންޑް އަދި ކޮމިޝަންޑް އޮފިސަރުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ދީފައިވެއެވެ.