އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ޕީޖީ އައިޝަތު ބިޝާމް، ކޮމިއުނިކޭޝަން މިނިސްޓަރުގެ ނަން ވިދާޅުވިކަމަށް މައުލޫމާތު ލިބިވަޑައިގެންފާ ވާތީ، ޕީޖީގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ނިންމަވައިފިއެވެ.

މަލީހު ވިދާޅުވީ، ޕީޖީ އޭނާގެ ނަން ބޭނުން ކުރެއްވިކަން ނޫސްވެރިއެއްގެ ފަރާތުން އެނގިވަޑައިގެންފައި ވާކަމަށެވެ.

"ސިއްރު މީޓިންގައި އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވައި އަޅުގަނޑުގެ ނަން ޕީޖީ ވިދާޅުވި ކަމުގެ މައުލޫމާތު ނޫސްވެރިއަކު ދީފި، ޕީޖީ ގޮވައިގެން އަބުރުގެ ދައުވާ ކުރާނަން. މިހާތަނަށް ތުހުމަތު ނުކުރެވޭ މީހުންގެ ނަން ގެންނަނީ މިސްރާބު އޮޅުވާލަންބާ؟ ޕީޖީ އެނބުރޭ ވަހުތާނަކަށް ވެގެން ނުވާނެ"
މަލީހު

އެމްއެމްޕީއާރުސީގެ ހިޔާތާނުގެ ލިސްޓުގައި މަލީހުގެ ނަން ހިމެނޭ ކަމަށް ހާމަވެގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ. މަލީހު އެކަމަށް އިންކާރު ކުރައްވާ އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ލިބިފައިވާ ކަމުގެ ތުހުމަތު ޕީޖީ ވަނީ ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި އެކަމާ ގުޅޭ ވާހަކަތައް ޕީޖީ ވަނީ ދައްކަވާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ވާހަކަތަކަށް މިއަދު އިތުރުވެގެން ދިޔަ އަނެއް ވާހަކަކީ ފުލުހުންގެ އިދާރާގެ އިސް ބައެއް އޮފިސަރުންނާއި ބައެއް ވެރިންގެ އިތުރުން ފުލުހުންތަކެއްގެ މައްޗަށް އެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭތީ ތަހުގީގު ފެށި ވާހަކައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގާފައި އޮތް އެންމެ ބޮޑު ކޮރަޕްޝަނެވެ.