އިންޑިއާއާއި ޕާކިސްތާނާ ދެމެދު ބަދަލުކުރަމުންދާ ޕޯސްޓުގެ ހިދުމަތް ޕާކިސްތާނުން މެދުކަނޑާލާފައި އޮންނަތާ 2 މަހެއްހާ ދުވަސްވެއްޖެ ކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރު ރަވީ ޝަންކަރު ޕްރަސާދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަވީ ޝަންކަރު ވިދާޅުވީ ޕާކިސްތާނުގެ މި އަމަލަކީ ބައިނަލްއަގުވާމީ އާންމު އުސޫލުތަކާ ހިލާފު އަމަލެއް ކަމަށެވެ.

އިންޑިއާގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރަވީ ޝަންކަރު އިތުރަށް ވިދާޅުވީ، ޕާކިސްތާނުގެ މި ނިންމުމާ ގުޅިގެން އިންޑިއާއިންވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ވިސްނާފައިވާކަމަށެވެ.

ދޭދޭ ގައުމުތަކުގެ މެދުގައި ބަދަލުކުރަމުންދާ ޕޯސްޓުގެ ހިދުމަތަކީ ބައިނަލްއަގުވާމީ އިއްތިހާދެއްގެ އުސޫލުތަކުގެ ދަށުން ބަދަލުކުރެވޭ ހިދުމަތެއް ކަމަށާ، ނަމަވެސް ޕާކިސްތާނަކީ "ޕާކިސްތާނު" ކަމަށް ވިދާޅުވެ ވަޒީރު ވަނީ ޕާކިސްތާނަށް ފާޑުވިދާޅުވެފައެވެ. އަދި އިންޑިއާއަށް ހައްގު ހިދުމަތަކަށް ޕާކިސްތާނުން ހުރަސް އަޅަމުންދާކަމަށްވެސް ރަވީ ޝަންކަރު ވަނީ ތުހުމަތު ކުރައްވާފައެވެ.

އިންޑިއާއާއި ފާކިސްތާނުގެ ޒަމާންވީ ހަތުރުވެރި ގުޅުން ސުލްހަ ކުރައްވާނެ ކަމަށް ވިދާޅުވެ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމާ މިދިޔަ އަހަރު އިމްރާން ހާން ހަވާލުވެވަޑައިގެންނެވި ފަހުން މި ދެގައުމުގެ ގުޅުން ވަނީ އިތުރަށް ނުތަނަވަސްވެފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅުން ފެށިގެން އިންޑިއާއާއި ޕާކިސްތާނާ ދެމެދު، ސަރަހައްދީ އިމުގައި ހަމަލާތައްވެސް ބަދަލުކޮށްފައިވާއިރު، ބަހުގެ ހޫނު ހަމަލާތަކެއް ސިލްސިލާ ގޮތެއްގައި ދަނީ ބަދަލު ކުރަމުންނެވެ.

އިންޑިއާއާއި ޕާކިސްތާނުގެ މައްސަލައަކީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށް ހެދުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް އަދި ކުރި ލިބިފައެއް ނުވެއެވެ. ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުންވެސް ބުނަމުންދަނީ މިމައްސަލަތަކަކީ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު މަޝްވަރާކޮށްގެން ހައްލު ކުރަންޖެހޭނެ މައްސަލަތަކެއް ކަމަށެވެ.