ސަރުކާރުގެ ކޮރަޕްޝަނާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ލުބްނާނުގެ ރައްޔިތުން މަގުތަކުގައި ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންދާތާ މިހާރު 10 ވަރަކަށް ދުވަސްވީއެވެ. ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުންދިޔަ މުޒާހަރާގެ މައިދާނުން އިލަނީ ޖަބޫރު، އޭނާގެ 15 މަހުގެ ތުއްތު ދަރިފުޅު ގޮވައިގެން ދަތުރުކުރަމުންދިޔެއެވެ.

މުޒާހަރާގެ އަޑުފައްގަނޑު އާދަޔާ ހިލާފަށް ގަދަވެ، ދަރިފުޅުގެ ހިތަށް ބިރުވެރިކަން ވަންނަން ފެށުމުން، މުޒާހަރާގެ ބައިވެރިން ގާތު އިލާނީ އެވާހަ ބުންޏެވެ. އަދި އެދެމައިންނަށް އެހިސާބުން ދެވެންދެން ތަންކޮޅެއް އަޑު މަޑުކޮށްދިނުމަށް މުޒާހަރާގެ ބައިވެރިން ގާތު އެދުނެވެ.

އިންތިހާއަށް ރުޅިއައިސް ލޭކެކެމުންދިޔަ މުޒާހަރާގެ ބައިވެރިންގެ ކިބައިން ފެނުނީ އާދަޔާ ހިލާފު މަންޒަރެކެވެ. ކުޑަކުއްޖަކަށްޓަކައި އިންސާނުންގެ ހިތުގައިވާ ހާއްސަ ލޯތްބާ އިހުތިރާމެވެ. މުޒާހަރާގެ ބައިވެރިން ހަރުއަޑުން ގޮވަމުންދިޔަ ގޮވެލި ފަތީގެ ރާގު ބަދަލުކޮށްލީ އަދުގެ ތުއްތުކުދިންގެ ޖީލުގައި އެފަދަ ދެވަނަ އެއް ނެތް މަޝްހޫރު ލަވަ "ބޭބީޝާކް"އަށެވެ.

އިލާނީއާއި އޭނާގެ ފިރިހެން ދަރިފުޅު ތިބި ކާރު ވަށާލި މުޒާހަރާގެ ބައިވެރިން އެއް އަޑަކަށް "ބޭބީޝާކް" ކިޔަމުންދިޔައިރު އެ ތުއްތު ދަރިފުޅު ހައިރާން ކަމާއެކު ބަލަން އިން މަންޒަރުގެ ވީޑިއޯ ފުޓޭއްޖެ އިލާނީ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ސޯޝަލް މީޑިއާއަށް މި ވީޑިއޯ ދޫކޮށްލުމާއެކު އެކި ހިސާބުތަކަށް ވައިރަލްވިއެވެ. ވީ ގޮތުގެ ވާހަކަ އޭނާގެ ފިރިމީހާއަށް ކިޔައިދެވުމުގެ ކުރިން އޭނައަށްވެސް އޮތީ ވީޑިއޯ ފެނިފައެވެ.

މި ވީޑިއޯ ބަލާލި ކޮންމެ މީހެއްގެވެ މޫނަށްވެސް އުފާވެރިކަން ގެނުވައެވެ. ލުބްނާނުގެ ރައްޔިތުންނަކީ އެއް ބައެއް ކަމަށް ބުނެ އެ ޝިއާރުގެ ދަށުން މުޒާހަރަކުރަމުންދިޔަ މީހުން މިވަނީ ކިތަންމެހާވެސް ރަނގަޅަކަށް އެކަން ދައްކުވާދީފައެވެ.