ސަރުކާރެއް އެކުލަވާ ނުލެވުނު ކަމަށް ބުނެ، އިސްރާއީލުގައި އާ ސަރުކާރެއް އެކުލަވާލުމުގެ ޒިންމާ، އިސްރާއީލުގެ ޚުދުމުޚުތާރު ޔަހޫދީ ލީޑަރު ބެންޖަމީން ނަތަންޔާހޫ، އޭނާގެ ސިޔާސީ ވާދަވެރިޔާ ބެންޖަމީން (ބެނީ) ގަންޓްޒްއާއި ހަވާލުކޮށްފިއެވެ.

6 އެއްކަ މަސްދުވަހުގެ ތެރޭގައި އިސްރާއީލުގައި 2 ފަހަރެއްގެ މަތިން އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްގެންވެސް އާ ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ ވަނީ ފެއިލްވެފައެވެ. ފާއިތުވީ 10 އަހަރެއްހާ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުއްޓެއް ކަމަކު، މިދިޔަ ސެޕްޓެމްބަރު އިސްރާއީލުގައި ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި ސާފު މެޖޯރިޓީ ހޯދުމަށް ނަތަންޔާހޫ ވަނީ ފެއިލްވެފައެވެ.

ސަރުކާރެއް އެކުލަވާލުމަށް ފެއިލްވެއްޖެކަމަށް ނަތަންޔާހޫ އިއުތިރާފުވެފައިވާއިރު، މިޒިންމާ މިހާރު އެޅިފައި އޮތީ ނަތަންޔަހޫގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ކަމަށްވާ ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ގަންޓްޒްގެ ކޮނޑުގައެވެ.

ސަރުކާރު އެކުލަވާލުމަށް ގަންޓްޒްއާއި ގުޅިގެން މަސައްކަތް ކުރުމަށްވެސް ނަތަންޔާހޫ ވަނީ ފެއިލްވެފައެވެ.

އިސްރާއީލުގެ ރައީސް ރިއުވެން ރިވްލިން ވަނީ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތަށް ގަންޓްޒްއަށްވެސް 28 ދުވަހުގެ މުހުލަތެއް ދީފައެވެ.

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަރަބި ނަސްލުގެ މެމްބަރުން ވަނީ ގަންޓްޒްއަށް އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައެވެ. އާ ސަރުކާރެއް އެކުލަވާލުމަށް މަޖިލީހުގެ 61 މެމްބަރުންގެ އިއްތިހާދީ އެއްބާރުލުން ބޭނުންވެއެވެ.

ރައީސް ރިވްލިން ވަނީ 1 އަހަރު ދުވަހުގެ ތެރޭގައި 3 އިންތިހާބަކަށް ނުގޮސްވޭތޯ ބަލާނެ ކަމަށް ބުނެފައެވެ. 28 ދުވަހުގެ މުހުލަތުގެ ތެރޭގައި އާ ސަރުކާރެއް އެކުލަވާލުމަށް ގަންޓްޒްވެސް ފެއިލްވެއްޖެނަމަ، 3 ވަނަ ކެންޑިޑޭޓެއް ހުށަހެޅުމުގެ ފުރުސަތު އިސްރާއީލުގައި މިހާރު އިންތިހާބުވެފައި އޮތް ގާނޫނު ހަދާ މަޖިލީހަށް ލިބޭނެއެވެ.