ދިވެހިރާއްޖޭގައި ލާދީނީ ކަންތައްތައް މިއަދު ވަނީ ބޮއްސުން ލާފައި ކަމަށާއި، މިއީ ރައީސް ސޯލިހްގެ ސަރުކާރުގެ ލީޑާޝިޕް ފައިލްވެފައި ވާކަން ހާމަވެގެން ދާކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ދިވެހިރާއްޖޭގައި ލާދީނީ ކަންތައްތައް ވަނީ ބޮއްސުންލާފައި ކަމަށާއި، އެމްޑީއެންގެ ގިނަ ކަންތައްތައް އޮއްބާލުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ކަންތައްތައް ކުރިއަށް ގެންދާ ކަމަށާއި، އަދި އެކަން ކުރެއްވުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ނެރުނު މައްސަލާގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރަށް ނުކުރޭނެ ކަމަށެވެ. ސަބަބަކީ އެމްޑީއެންގައި ހިމެނޭ މީހުން ތިބީ ސަރުކާރުގެ މުއައްސަސާ ތަކުގައި ކަމަށާއި، އަދި ފުލުހުންގެ ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނެވިހާ ހިނދަކު އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށް ނުދާނެ ކަމަށެވެ. އެމްޑީއެންގެ ރިޕޯޓާ ގުޅުވައިގެން މީހުންނަށް އަނިޔާތައް ދިނުމަށް ގޮވާލައި ގޮވާލުންތައް އެ ދެ ޕާޓީން ވެސް ކުށްވެރި ކުރާ ކަމަށާއި، އަދި އެމްޑީއެންގެ މައްސަލާގައި ނާޖާއިޒު ފައިދާ ނަގަން އެ ދެ ޕާޓީން މަސައްކަތް ނުކުރާ ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ވަނީ ޖުޑީޝިއަރީއަށްވެސް ރައީސް ނަޝީދު ނުފޫޒު ފޯރުއްވާ ކަމަށް ވިދާޅުވެ ކުރައްވާ ކަންތައްތައްވެސް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި އެފަދަ އަމަލެއް ހިންގާނަމަ އެކަންތައް ހުއްޓުވުމަށް ސަރުކާރަށްވެސް ގޮވާލާފަ އެވެ.

"ދިވެހި ރައްޔިތުން ނޭދޭ ގާނޫނާއި ގަވާއިދުތައް އެއްކައިރި ކޮށްފަ އެހެނިހެން އެއްބާރު އަނެއް ބާރު ތެރެއަށް ފޯރުމަށް. އެފަދަ އަމަލުތައް ހިގަމުންދާނަމަ އެކަންތައް ހުއްޓުމަށް ދިވެހި ސަރުކާރުން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ ޕާޓީގެ އިލްތިމާސެއް" މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، ރައީސަކު ކުރައްވަންޖެހޭ ކަންތައްތައް އެހެން ފަރާތްތަކުން ކުރާނަމަ ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުންތައް މިހާރަށް ވުރެން އިތުރުވެގެންދާނެ ކަމަށާއި، ތަހުޒީބު ވެރިކަމެއް ކުރުމަށް ހުރިހާ ބާރުތައް ވަކިވެ، ރަނގަޅަށް އެބައެއްގެ އިހްތިޔާރުތަކާ އިމުގެ ތެރޭގަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިނޫންގޮތަކަށް ސަރުކާރު ހިންގަން ބޭނުންނަމަ، ރައީސަކަށް އޮންނަ އިހްތިރާމާއި ގަދަރުވެސް ގެއްލިގެން ހިނގައިދާނެ ކަމަށެވެ.