މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތުގެ ތެރެއިން، ތުހުމަތު ކުރެވޭ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި މީހުންގެ އަދަދު ވިދާޅުވާން ދަތި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކަމަށާއި، އެ ފަރާތްތަކާ ގުޅޭގޮތުން ތަހުގީގު ކުރިއަށްދާ ކަމަށް ބިޝާމް ވަނީ މިއަދު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ. ނަމަވެސް، އެ މެންބަރުންގެ ނަންތައް ހާމަ ކުރައްވައިފި ނަމަ، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބިޝާމް ވިދާޅުވުމާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

މި ކަމާ ގުޅިގެން، 'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން ބިޝާމް ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް މެންބަރުން މަޖިލީހުގައި ވެސް ތިއްބެވިކަން މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ، މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުންނަށް ވެސް ތުހުމަތު ކުރެވޭތީ، މި މައްސަލާއާ ބެހޭ މައުލޫމާތުތައް ކޮމިޓީގައި ހިއްސާ ކުރުމުގެ ކުރިން އެ މެންބަރުން ތަނާޒިލު ކުރެއްވުމަށް ކަމަށެވެ.

ބިޝާމް ވިދާޅުވީ، މި މައްސަލާގައި ތުހުމަތު ކުރެވެނީ ކިތަށް މެންބަރުންނަށްތޯ ނުވަތަ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ކިތަށް ބޭފުޅުންނަށް ކަން ވިދާޅުވުމަށް ދަތި ކަމަށާއި، މިއީ ތަހުގީގު މަރުހަލާގައި ކުރިއަށްދާ މައްސަލައެއް ކަމުން މައްސަލައާ ބެހޭ މާ ގިނަ މައުލޫމާތެއް ރަސްމީ ސިފައެއްގައި އެނގި ވަޑައިނުގަންނަވާ ކަމަށެވެ. މީގެ އިތުރުން ބިޝާމް ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މަޖިލިސް މެންބަރުންގެ ލިސްޓެއް ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މެންބަރުން ތިއްބެވުމުން މާލިއްޔަތު ކޮމިޓީއާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ޕީޖީ ބިޝާމް އުޒުރުވެރިވެ ވަޑައިގެންނެވި އިރު މެންބަރުންގެ ގޮތުގައި އެ ވަގުތު ކޮމިޓީގައި ތިއްބެވީ އެ ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒާއި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.