ދިރާގު ސްޕެޝަލް ސްޕޯޓް ފެސްޓިވަލް މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ތައްޔާރު ވެއްޖެއެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއެސްއާރު މެނޭޖަރު އައިޝަތު ބިޝާރާ ވިދާޅުވީ މިއީ ދިރާގުން އިންތިޒާމުކޮށްގެން، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ބާއްވާ ފެސްޓިވަލެއް ކަމަށާއި މި ފެސްޓިވަލެއް ކަމަށެވެ.
މި ހަރަކާތްތަށް ރާވަން ޖަމިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި މި އަހަރު ހަތަރު އެންޖީއޯ އަކާއި 14 ސްކޫލަކުން ބައިވެރިވާ ކަމަށް ވެސް ބިޝާރާ ވަނީ ވިދާޅުވެފައެވެ. 400 ކުދިންނާއެކު ދިރާގުގެ މި ފެސްޓިވަލު މިމަހު 23 ގައި ފަށާއިރު، ފުރަތަމަ ބައިވެރިވީ 17 ސްކޫލުން ކަމަށާ، ނަމަވެސް މިހާރު ބައިވެރިވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބިޝާރާ ވިދާޅުވީ މި ފެސްޓިވަލުގައި ބައިވެރިވާ ކުދިން، ސްޕެޝަލް އޮލިމްޕިކްސްގައި ވެސް ބައިވެރިވެ، ފަހުރުވެރި ވަނަތައް ހޯދަމުން ދާ ކަމަށާއި މިއީ ލިބެމުންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިހާރު އެންމެ އިސްކަން ދެނީ ސްޕެޝަލް އޮލިމްޕިކްގައި ވާދަކުރާ ކުޅިވަރުތައް ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރި ކުރަން ކަމަށްވެސް ބިޝާރާ ވަނީ ވިދާޅުވެފައެވެ.
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ބާއްވާ ފެސްޓިވަލެކެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި އެކުދިންނަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލެވެ.
މިފަދަ ފެސްޓިވަލެއް ބޭއްވުމުގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި، އަދި އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދޭ ކުދިންނަށްވެސް މިފަދަ ކުޅިވަރު ތަކުގައި ބައިވެރިވޭކަން ކުދިންނަށްވެސް އެނގިގެންދާނެ ކަމަށާއި މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުން ކަމަށްވެސް ދިރާގުން ބުނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް މި ފެސްޓިވަލްގެ މަގުސަދެއް ކަމަށްވެސް ބުނެއެވެ.