އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރި ކަމަށް ވަކާލާތު ކުރަމުންދާ ޖައްމުއާއި ކަޝްމީރު ސަރަހައްދުގައި ދެ ގައުމުގެ އަސްކަރިއްޔާއިން ދާދި ފަހުން ހަމަލާ ބަދަލު ކުރި މައްސަލާގައި، ޕާކިސްތާނުގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު، ޕާކިސްތާނުގެ ހާރިޖިއްޔާއަށް ހާޒިރު ކޮށްފިއެވެ.

ޕާކިސްތާނުގެ ހާރިޖިއްޔާއިން އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ގޯރާވް އަހުލުވާލިއާ ހާޒިރު ކޮށްފައި ވަނީ، ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅީގެ ލޯންޗްޕެޑްތަކަކަށް އަމާޒުކޮށް، އިންޑިއާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކަކާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. ޕާކިސްތާނުގެ ހަރިޖިއްޔާއަށް އަހްލުވާލިއާ ހާޒިރުކީ، ޕާކިސްތާނު ހާރިޖިއްޔާގެ ތަރުޖަމާނު މުޙައްމަދު ފައިސަލް ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނު ހާރިޖިއްޔާއިން ބުނާ ގޮތުގައި އިންޑިއާގެ ހަމަލާތަކުގައި ޕާކިސްތާނާ ވީ ފަޅިން ފުރާނަ ގެއްލުނު މީހުންގެ އަދަދު 4 އަށް އަރައެވެ.

ކަޝްމީރު ސަރަހައްދުގައި އިންޑިއާއާ ވީ ފަޅިއަށް އަމާޒުކޮށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އިއްޔެ ހަމަލާ ދޭން ފަށާފައިވަނީ، ޕާކިސްތާނާ ވީ ފަޅިން އިންޑިއާއަށް ޓެރަރިސްޓުން އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސަރަހައްދީ އިމުގައި އިންޑިއާގެ އަސްކަރިއްޔާއިން ސެކިއުރިޓީ ވަރުގަދަ ކުރުމާ ދިމާކޮށެވެ. ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިއާއާ ވީ ފަޅިންވެސް ބައެއްގެ ފުރާނަ ގެއްލުނު ކަމަށް ޚަބަރުތައް ބުނެއެވެ.

ޕާކިސްތާނާއި އިންޑިއާއާ ދެމެދުގެ ކަޝްމީރު ސަރަހައްދުގައި އަސްކަރީ ކުރިމަތިލުންތަކެއް ހިންގަން ފަށާފައި މިވަނީ، ކަޝްމީރުގެ މައްސަލާގައި 2 ގައުމުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެ، އެ ގައުމަކާ ވީ ކޮޅަށް ބައިނަލްއަގުވާމީ ބޮޑެތި ބާރުތައް ލަންބުވާލުމަށް ދެގައުމުގެ ލީޑަރުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ނިއުކްލިއާ 2 ބާރުގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފެށުން ވެގެން ދަނީ، ސަރަހައްދީ ހަމަނުޖެހުންވެސް ނުރައްކަލެއްގެ ތެރެއަށް ވައްޓާލާނެ ކަމެއް ކަމުގައި މުރާސިލުން ދަނީ ސިފަކުރަމުންނެވެ.